ސެޕްޓެމްބަރ 22, 2024

ޗާގޯސް މައްސަލައިގައި މުނައްވަރުގެ ލަފާ ހޯދަނީ

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައި ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމިނިންމުން އިސްތިއުނާފު ކުރަން ކުރާ މަސައްކަތުގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރުގެ ލަފާ ހޯދަން ސަރުކާރުން ނިންމައިފި އެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރަމުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑރ. މުނައްވަރު މި މައްސަލައިގައި މަސައްކަތް ކުރައްވާނީ ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކަމަށެވެ. މިކަމަށް މުނައްވަރު އެއްބަސްވެވަޑައިގެން މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި ގާނޫނީ ލަފާ ހޯދަމުން އަންނަ އަނެއް ދެ މީހުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ ގާނޫނީ ވަކީލަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. އޭޖީ އޮފީހުން ބުނީ މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުން ހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށެވެ.

”މި ދެ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފައެއް ހޯދުމެވެ“ އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

މި ދެ މާހިރުންގެ މަސައްކަތް ނިންމާ، ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރީކޮޅު ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހަޅާނެ އެވެ. އޭޖީ އޮފީހުން ބުނީ މި މަސައްކަތް ކުރުމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކުރަނީ މި ލަފާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ރިޕޯޓު ވެސް ފެބްރުއަރީގައި ބަންޑާރަނައިބަށް ހުށަހަޅާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އިޓްލޮސް މައްސަލާގައި ކުރިޔަށްދާންވީ ގޮތެއް ނިންމުމަށް މި މައްސަލަ ކެބިނެޓަށް ހުށަހަޅައި، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، އެ މައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން މި ރިޕޯޓު ހާމަކުރާނެ ކަމަށާއި އެ ރިޕޯޓާ އެކީ މި މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރަން ބަންޑާރަނައިބު އަހުމަދު އުޝާމް ނިންމަވާފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އޭޖީ އޮފީހުން ބުނީ ބޭރުގެ ފަރާތްތަކުގެ ނަންތަކާއި ހަރަދު ސިއްރުކުރުމުގެ މާއްދާއެއް އިޓްލޮސްގައި ކަނޑުގެ މައްސަލަ އިސްތިއުނާފުކުރަން މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގައިވާ ކަމަށެވެ.

އޭޖީ އޮފީހުން މިހެން ބުނެ ބަޔާނެއް ނެރެފައިވާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ”އަދަދު‘ ނޫހުން މި މައުލޫމާތު ހޯދަން ހުށަހެޅުމުން، ބޭރުގެ ތަޖުރިބާކާރުންނާއެކީ ވެފައިވާ އެއްބަސްވުންތަކުގައި ބޭރުގެ ފަރާތްތަކުގެ ނަންތަކާއި ހަރަދު ސިއްރުކުރުމުގެ މާއްދާއެއް އޮތް ކަމަށް ބުނެ، އެ މައުލޫމާތު ދޭން އިންކާރުކޮށްފަ އެވެ.