ނޮވެމްބަރ 24, 2024

ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެ، ހ. ތިމާވެށީގެ ފަސްވަނަ ބުރިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހ. ތިމާވެށި، ފަސްވަނަ ފްލޯއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހެވެ. އަނެކަކު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ ގެއިން ވަގަށް ނެގި ބައެއް ތަކެތި މިހާރު ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި ފެނުނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

”ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. އަދި މި ތަކެތީގެ އަގު މިލިއަނަކަށް ވުރެ ބޮޑެވެ،“ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.