ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މި ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް އެގައުމާއެކު ކުރެވިފައިވާ މަޝްވަރާތަކުގައި އެއްބަސްވެވިފައިވާ ގޮތުގެ މަތިން ރާއްޖޭގައި ތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި ސިފައިން އަންނަ މަހުގެ 10ގެ ކުރިން ގެންދާނެ ކަމަށާއި ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން މެއި މަހުގެ 10ގެ ކުރިން ގެންދާނެ ކަމަށެވެ.
”އަދި ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި. ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން،“ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި އިރު، ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ.
”ދިވެހި ރައްޔިތުންގެ ބޮޑު އޣުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިއަތެއް،“ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހި ގައުމުގެ އެންމެ މަތީ ވަލީއާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވުމާއެކު، އެ މުހިންމު ގައުމީ މަސައްކަތް ފައްޓަވާފައިވާނެ ކަމަށާއި ދޭދޭ ގައުމުތަކުގެ މެދުގައި މުއާމަލާތުކުރަން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން