އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވާ އެ ގައުމުގެ ސިފައިން ރާއްޖޭން ބޭލުމަށްފަހު މަދަނީ މީހުންގެ ނަމުގައި އިންޑިއާ ސިފައިން ގެންނަނީތޯ އާންމު މީހަކު ކުރި ސުވާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ޖަވާބެއް ނުދެއްވި އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން މި އަހަރުގެ މެއި 10 ގެ ކުރިން ބޭލުމަށް ފަހު، ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން އިންޑިއާ އިން މަދަނީ މީހުން ގެންނަން ދެ ގައުމުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ގައި އަހުމަދު ޝަރީފް ކިޔާ މީހަކު ވަނީ އިންޑިއާ ސިފައިން ޔުނީފޯމް ބާލައި، ކުލަ ހެދުމުގައި އަންނަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ ރައީސްގެ އަރިހުގައި ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ރައީސް މުއިއްޒު ދެއްވީ އެއްގޮތަކުން ނުސީދާ ޖަވާބެކެވެ. އޭގެ ބަދަލުގައި އެ މަނިކުފާނު ދެއްވީ ސިޔާސަތުގެ ކުރު ހުލާސާއެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ގެންދިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާ އިރު އެއް ޕްލެޓްފޯމްގެ ސިފައިން ގެންދާނެ ކަމަށެވެ. އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންވެސް މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ނިޔަލަށް ގެންދަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”މި ހިސާބަށް މި ގެންދެވެނީ ޑިޕޮލެމެސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އަމިއްލަ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.
ގުޅުންހުރި
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް
ކަނޑުހުޅުދޫގައި ޑުރަގު މައްސަލައެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފި
ފުރުގާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި، ހަތިމުތައް ހުރީ އުކާލާފައި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައާއި ދަރިފުޅު އެއް އަހަރަށް ޖަލަށް