ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުންނަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކަމަށް ބުނެ ރަށްރަށުގެ ކައުންސިލްތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ދޮގު މައުލޫމާތު ދިން ކައުންސިލްތަކުގެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.
ފްލެޓްތަކުގެ ތަހުގީގާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު އޭސީސީގެ މެންބަރުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ސުވާލު ކުރެއްވީ ފްލެޓް ލިބުނު މީހާ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެއްޖެ ކަމަށް ކައުންސިލްތަކުން ލިޔުން ދީފައިވާއިރު އެ ލިޔުންތަކުގެ ތެރޭގައި ހަގީގަތާ ހިލާފު ލިޔުންތަކެއް ހުރިތޯ އެވެ. އެފަދަ ކައުންސިލްތަކުން ލިޔުން ދިން ފަރާތްތަކަށް ކޮމިޝަނުން ފިޔަވަޅު އަޅުއްވާނަންތޯވެސް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، ދޮގު މައުލޫމާތު ދިނުމަކީ ކުށަކަށްވާއިރު ކޮމިޝަންގެ މެންޑޭޓް ތެރޭގައި ހިމެނޭ އެފަދަ ކަމެއް އޮތް ނަމަ، އެކަން ބަލާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތަކަށް ވެފައި އެއީ އެ ކޮމިޝަންގެ މެއިންޑޭޓްގައި ނުހިމެނޭ ކަމެއް ނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ޕޮލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މިސާލަކަށް ކައުންސިލްތަކުގައި އަޅުގަނޑުމެންގެ މެންޑޭޓްގައި ހިމެނޭ ކުށެއް ނުވަތަ މީހަކަށް ފައިދާއެއް ހޯދައިދޭން، ނާޖާއިޒު ފައިދާއެއް ހޯދައިދޭން، ނުވަތަ އެ ނޫން ރިޝްވަތެއް ހުށަހަޅައިގެން ވަކި މައުލޫމާތެއް ވަކި ގޮތަކަށް ދިނުން، އަޅުގަނޑުމެންގެ މެންޑޭޓަށް ފެތޭ ކަމެއް ކަމަށް ވެއްޖެނަމަ އެ ކައުންސިލްތަކުގެ މައްސަލަ އަޅުގަނޑުމެން ވަކި މައްސަލައެއްގެ ގޮތުގައި ބަލާނަން،“ އޭނާ ވިދާޅުވި އެވެ.
އަބްދުއްސަލާމް އިތުރަށް ވިދާޅުވީ، މާލޭގައި އުޅޭ ކަމަށް ކުންފުނިތަކުންނާއި ކައުންސިލްތަކުންނާއި އެހެން ގޮތް ގޮތުން މީހުންނަށް ދޫކޮށްފައިވާ ލިޔުންތައް އެއްކޮށް، ބަލަމުން އަންނަ ކަމަށެވެ.

ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް