ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ’ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުالله‘ ގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ބަންދަރު އަބްދުﷲ އައްރާޖިހީ އަދި ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ ހަސަން އަލްގަހްތާނީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
މި މިސްކިތަކީ ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ މިސްކިތެކެވެ.
އަދި މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް އޮފީސްތަކުގެ އިތުރުން ތައުލީމީ، ސަގާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިންގުމަށް ހާއްސަ މަރުކަޒަކާއި ދީނީ މައުލޫމާތާއި ތާރީހު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުހާނާއަކާއި ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ގުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ގާއިމުކުރާނެ އެވެ.
އޭގެ އިތުރުން މި ބިނާގައި އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި އިޖުތިމާއީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލަކާއި މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ވިޒިޓާ އޭރިއާއެއް އަދި އިސްލާމީ ފޮތް ފިހާރައަކާއި ގިފްޓް ޝޮޕެއްވެސް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި މިސްކިތަކީ މިއީ 20 އަހަރު ކުރިން ގެންގުޅުނު ތަސައްވަރެއް ނަމަވެސް، މިއަދު އެކަން ކާމިޔާބު ވެގެންދިޔައީ ރައީސް ޑރ. މުއިއްޒު ދެއްވި ހާއްސަ އަހަމިއްޔަތުގެ ސަބަބުން ކަމަށެވެ.
އެގޮތުން ދެ އަހަރުގެ ތެރޭގައި މިސްކިތުގެ ބައި ނިންމުމަށް އަމާޒު ހިފާފައިވީ ނަމަވެސް، ވަގުފު މަޝްރޫއުތަކަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެ ބައި ކުރިއަށްދާނީ ވަކިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


