އަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން އެކަން ދިރާސާކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ހަތްވަނަ ދުވަހު އެވެ.
އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވި އެވެ. އަދި އެކަން ދިރާސާކުރަން ވަގުތީ ކޮމިޓީއެއް އެކުލަވާލައި އިއްޔެ އާއި މިއަދު ވަނީ ބައްދަލުވުން ބާއްވައިފަ އެވެ.
އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ރޯދަ ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށާއި ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުން ހިމެނެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފަ އެވެ. އެއާއެކު މިއަދުގެ ވަގުތެއްގައި ތަޅުމަށް އެ ރިޕޯޓު ފޮނުވާނެ ކަމަށް، ކޮމިޓީޗެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި