ސެޕްޓެމްބަރ 23, 2024

ހައްޖާޖީންނަށް އެހީވާ ދިވެހި ކިޔަވާކުދިންނަށް ހައްޖުވެވޭގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި

ސައުދީ އަރަބިއާގައި ތިބޭ ދިވެހި ކިޔަވާކުދިން ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް އެހީވުމުން ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.

އެކަން ރަސްމީކޮށް މިއަދު ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.

”އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެ އިން ރަސްމީ ކޯޓާގައި 1،000 މީހުން ހައްޖަށް ދާއިރުގައި، އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަރަބި ބަސް ދަންނަ މީހުން މަދުވީމާ ބައެއް ފަހަރު ވަރަށް ދަތިތައް ހައްޖުވެރިންނަށް ދިމާވޭ،“ ޝަހީމް ވިދާޅުވިއެވެ.

ސައުދީން ކުރިން ހަމަޖައްސާފައި ވަނީ އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިނުމަށެވެ.

ސައުދީ ސަރުކާރުގެ އެ ނިންމުމާ އެކު، އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އެ ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަށް ވަނީ އަންނަ ޖޫން މަހުގެ 16 އެވެ.

ޑރ. ޝަހީމް ވަޒީރުކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކުރުމަށް އާ ގިނަ ކަންތައްތަކެއް އަންނަނީ ތައާރަފްކުރައްވަމުންނެވެ.