ސެޕްޓެމްބަރ 23, 2024

މި ސަރުކާރުން ލޯނު ނަގާނީ ރައްޔިތުންގެ ޖީބަށް ފައިދާވާ ގޮތަށް: ރައީސް

މި ސަރުކާރުން ލޯނު ނަގާނީ ރައްޔިތުން މުއްސަނދިވެ، ޖީބަށް އޭގެ ފައިދާ ލިބޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ އައްޑުއަށް ވަޑައިގެން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެ ލޯނަކުން ރައްޔިތުންނަށް މަންފާއާއި ލާބަ ލިބެންޖެހޭ ކަމަށެވެ.

އެގޮތުން މިދިޔަ ސަރުކާރުގައި ނަގާފައިވާ ލޯނުތަކުން ހިންގާ މަޝްރޫއުތަކުން ރައްޔިތުންނަށްވާ ފައިދާ ކުޑަ ކަމަށާއި އިގުތިސާދަށް ފައިދާއެއް ނުވި ތަނުގައި ރައްޔިތުން މުއްސަނދިވެސް ނުވި ކަމަށެވެ.

”އަޅުގަނޑުމެން ކުރިއަށް ގެންދަން ހުރި މަޝްރޫއުތައް ކުރިއަށް ގެންދާއިރުގައި ނަގަންޖެހޭ ލޯނެއް ވިއްޔާ ނަގަމުންދާނީ އެއް ކަމަކަށް ރައްޔިތުން މުއްސަނދިވާ ގޮތަށް. ރައްޔިތުންގެ ޖީބަށް އޭގެން ފައިދާ ލިބޭ ގޮތަށް. ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ލޯނުތައް ނަގާނީ. ދެވަނަ ކަމަކަށް އެ ނަގާ ލޯނުތައް ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް، އަޅުގަނޑުމެންގެ އިގުތިސާދަށް ކަތާ މިންވަރަކުން ނެގޭ ލޯނުތައް ނަގައިގެން އިގުތިސާދު ކުރިއަރުވައި ތަރައްގީ ގެންނާނީ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އައްޑޫއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށްވާ ބުރިޖުގެ މަސައްކަތުގެ ޑިޒައިން އަދި ފީޒިބިލިޓީ މަސައްކަތް މި ދަތުރުފުޅުގައި ހަވާލުކުރެވޭނެ ކަމަށެވެ. ހިލޭ އެހީގެ ދަށުން ކުރާ އެ މަސައްކަތަށްފަހު މި އަހަރުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އައްޑޫ ރައްޔިތުން މުއްސަނދިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”މި ސިޓީގައި ބްރިޖު އަޅަން ފަށާއިރުގައި، އެ މަޝްރޫއު ވެގެންދާނީ އަޅުގަނޑު ޔަގީންކަން މި ދެނީ އަޅުގަނޑު ދެންނެވި ގޮތަށް ޗައިނާ-މޯލްޑިވްސް ބްރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް އެތައް ރައްޔިތުންނެއް މުއްސަނދިވި ގޮތަށް، މި ސިޓީގެ ރައްޔިތުން މުއްސަނދިވާނެ މަޝްރޫއަކަށް. އެ ޔަގީންކަން އެބަ އޮތް،“ ރައީސް ވިދާޅުވި އެވެ.