ނޮވެމްބަރ 22, 2024

ފަރެސްމާތޮޑާގެ ބިންހިއްކުމުގެ މަޝްރޫޢާއި އެކު ބަނދަރު ތަރައްޤީކުރާނީ ސްލިޕްވޭއެއް ހިމެނޭގޮތަށް:ރައީސް

ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްޤީކުރާނީ ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މިއަދު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުށަހަޅާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ބޮޑެތި ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެކަމަށެވެ.

 

Leave a Reply