އޮކްޓޯބަރ 6, 2024

އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އަޅަން 10 މިލިއަން ޑޮލަރު ބޭނުންވޭ-ރައީސް

ހއ. އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އަޅަން 10 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދުއަށް ވަޑައިގެން ވިދާޅުވީ އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް ހެދުމުގެ މަޝްރޫއަށް ކުރީ ސަރުކާރުން ބަޖެޓުކޮށްފައި އޮތީ 1.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެ މަޝްރޫއަށް އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށާއި، އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ މިނުގައި ޤާއިމުކުރާ މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭކަމަށެވެ.

އެހެންކަމުން މިހާރު ބަލަމުންދަނީ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެންވިޔަސް އެމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހެއްލެއް ގެނެސްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

Leave a Reply