ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ރައީސް ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.
ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ހުސްވި ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެ ރަށަށް ރައީސް ވަޑައިގެން، އެ ކައުންސިލުގެ ރުހުން ނެތި، އެ ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތައް އެއީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވަ ގޮތަށް މަޖިލިސް އިންތިހާބުގައި ސަރުކާރު ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
”އެ ހަފުލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،“ ބަޔާނުގައިވެ އެވެ.
އެ ބަޔާނާ ގުޅިގެން އެލްޖީއޭ އިން އެ ކައުންސިލުގެ ރައީސް، މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީގައި ބުނީ ކައުންސިލްތަކަށް މަތިކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ޒިންމާގެ ތެެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހިދުމަތްތަކާއި އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ.
”އެހެންކަމުން ކައުންސިލުގެ ނިންމުންތަކާއި ނޫސްބަޔާންތައް ވާން ވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދާއިރާއިން ނެރެވޭ ނޫސްބަޔާންތަކަކަށެވެ،“ އެލްޖީއޭގެ ޗީގް އެގްޒެކްޓިވް އޮފިސަރު މަރިޔަމް ޒުލްފާ ސޮއި ކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ.
އެހެންވެ، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ރައީސަށް ދިވެހި ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާއްސަކޮށް ކައުންސިލަކުން ކަންކަން ކުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ގާނޫނުގައިވާ ގޮތުން ކައުންސިލް މެމްބަރެއްގެ ވާޖިބުތައް އަދާކުރުމުގައި ކޮންމެ ފަރާތެއްގެ އިއްޒަތާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް އޮތަސް އެ ކައުންސިލުން ރައީސްގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ މަނިކުފާނުގެ އިސްތަށިފުޅިގައި ހަގީގަތާއި ހިލާފު އިލްޒާމު އަޅުއްވާ އެ ކައުންސިލުން ނޫސް ބަޔާން ނެރުމުން ކުށްވެރިކުރާ ކަމަށެވެ.
އެހެންވެ، ކައުންސިލުގެ މެމްބަރުންގެ ސޮއި ނެތި، އަދި ކައުންސިލުން ނޫސް ބަޔާނަކަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ އެ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެންވެ ބަޔާން ބާތިލުކޮށް އެކަން މާދަމާ މެންދުރު 2:00 ކުރިން އެލްޖީއޭއަށް އެންގުމަށް ބަޔާނުގައިވެ އެވެ.

ގުޅުންހުރި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް
ފުލުހުންގެ ބަޔާން: އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ