މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު ޑުރަގް ބޭނުންކޮށް އެ ތަކެތި ހިފައިގެން ފަޅުރަށަކަށްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ، މ. ހަކުރާހުރާ ކައިރިން ކަނޑުމަތިން އެ މީހުން ހައްޔަރުކޮށް، އެ މީހުން ދަތުރުކުރި ލޯންޗާއި އެ މީހުން ގެންގުޅުނު ތަކެތި އަދި އެ މީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު ޑުރަގު ކަމަށް ބެލެވޭ އެއްޗެއް ހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައި ހުރި ޑުރަގް ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 22 އަހަރާއި 33 އަހަރާ ދެމެދުގެ 10 މީހުން ހައްޔަރުކުރި އިރު، ލޯންޗު ބަލައިފާސްކޮށް އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެން ތިބި މީހުން ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ދޫކޮށްލީ ކިތައް މީހުން ކަމެއް އަދި އެ މީހުން ދޫކޮށްލީ ކޮން ކަންތައްތަކަކަށް ޝަރުތު ކުރުމަށްފަހު ކަމެއް ފުލުހުން ނުބުނެ އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި