ކަރޯކޭ ލަވަ ކިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން އެއްވެސް އިރެއްގައި ކުރެއްވި ކަމެއް ނޫން ކަމަށް ބުނެ، ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ދެކެވެމުންދާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވާ ކަމާއި އެ ކަމަށް ރައީސްގެ ރަސްމީގެ، މުލީއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ގަނެ ވެއްދި ކަމަށް ބުނެ ފޮޓޯ އަކާއެކު ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.
ދައުރު ކުރާ ފޮޓޯއިން ފެންނަނީ ރަނގަޅު ފެންވަރަކަށް ހަދައި، ކާޕެޓު އަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުރި އިސްކޮޅުވަރުގެ ދެ ސްޕީކަރާއެކު ކަރޯކޭ ސިސްޓަމެކެވެ. ފަތުރާ ވާހަކަތަކުގައި ބުނެފައިވާ ގޮތުން އެ ފޮޓޯއިން ފެންނަ ސިސްޓަމް ގެނައީ ސިންގަޕޫރުންނެވެ. އަދި އެކަމަށް ދައުލަތުން 80،000 ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެފައިވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މުލިއާގޭގައި އަގު ބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ.
”މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާކަމެއް ވެސް ނޫން،“ ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ކުރަމުން ދަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން ކަމަށެވެ.
”ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުން،“ ހަލީލް ވިދާޅުވި އެވެ.
ގުޅުންހުރި
އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި އިންޑިއާގެ ތިން މީހުން ޑީޕޯޓް
ރުފިޔާއިން މުސާރައާއި ސާވިސް ޗާޖު ދޭން ފެށުމުން ނުރުހުން ފާޅުކޮށްފި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް، ދިވެއްސަކަށް ހަމަލަދިން
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް