ޑިސެމްބަރ 13, 2024

ރޯދަ މަހަށް ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް އެބަ މަސައްކަތް ކުރަން: ރައީސް

ކުރިއަށް އޮތް ރޯދަ މަހަށް ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ގައި މީހަކު ވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރުވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

”އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގާއި ލިބޭ މިންވަރު ވަރަށް ބޮޑަށް ހެޔޮވެ، ޔަގީން ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.