ތަފާތު ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދިޔަ ޓެލެގްރާމް ގްރޫޕުތަކެއް ކަމަށްވާ ”ޖަޒީރާ އެމްޑިމް“، ”ޖަޒީރާ ގާލްސް“، ”ޖަޒީރާ އެސްކޯޓް ގެލެރީ“، ”ޖަޒީރާ ސްކޭމް އެލާޓް“ އަދި ”ޖަޒީރާ ލިންކު ހަބަރު“ ސީޒްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
”މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑަރިންއާއި ޑްރަގު ޓްރެފިކިންއާއި ހަށި ވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވެއެވެ“ ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ވަނީ ފަސް ދުވަސް ޖަހައިދީފައި ކަމަށެވެ. ދެވަނަ ފަހަރަށް ހާޒިރުކުރުމުން ވަނީ 30 ދުވަސް ބަންދަށް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ސައިބާ ޕޮލިސިން ސެންޓަރުން ހިނގި އޮޕަރޭޝަނެއްގައި ވަނީ ހަތަރު ތަނެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އެތަކެތިން ހެކި ހޯދުމުގެ މަސައްކަތް ފޮރެންސިކުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ގާނޫނާހިލާފު ކަންކަމާ ދުރުވެ ތިބުމަށާއި އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި