ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެއް އަަހަރު ދުވަހުގެ ތެރޭގައި ހޯދައި އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ އަދަދު ހޯދައި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ކަމާބެހޭ ސިސްޓަމަކަށް އެކްސެސްވުމަށް ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިތުރުން ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ދިނުމުން ފިންގާ ޕްރިންޓްގެ ޒަރީއާއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން އައިޑެންޓިފައި ކުރެވެން ފެށޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކައުންސިލުތަކުގައި ބިދޭސީންގެ ދަފްތަރެއް އޮތުމަކީ ގާނޫނުން ލާޒިމުކުރާ ކަމަކަށްވީ ނަމަވެސް ހުރިހާ ބިދޭސީން ހިމެނޭ ޑޭޓާބޭސްއަށް ކައުންސިލުތަކުގެ އެކްސެސް ނެތި އެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި، ކަމާބެހޭ ޑޭޓާ ބޭސްއަކަށް އަޅައި، އެ ފަރާތްތަކުގެ ފިންގާ ޕްރިންޓް ސްކޭންކުރާ މޯބައިލް ޑިވައިސްތަކާއި ފިކްސް ޑިވައިސްތައް ކައުންސިލްތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ދީ، އެތަންތަނަށް އަންނަ ކޮންމެ ބިދޭސީއަކީ ކާކުތޯ ޑޭޓާބޭސްއިން އެނގޭވަރު ކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މިހާރު އަމާޒު ހިފާފައި މިތިބީ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކޮމްޕްލީޓް ކުރަން، މިކަން ކުރެވުނީމަ ކައުންސިލްތަކަށް އެ ބާރު ލިބި، ޑޭޓާބޭސްއަށް އެކްސެސް ލިބި، އަންނަނީ ކާކުތޯ ނާންނަނީ ކާކުތޯ، އަދި ފުރައިގެން ދިޔަމީހާވެސް ދިޔަކަން، އަންނަމީހާ އައިސްފިކަން އެނގޭގޮތަށް ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ މަގެއް ދެއްކުން،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކި ރެއިޑް އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ ގިނަ ބިދޭސީންގެ އަތަކު އެއީ ކާކުކަން އަންގައިދޭ ޑޮކިއުމެންޓްވެސް ނުހުންނަ ކަމަށެވެ. ނަމަވެސް ބައިމެޓްރިކަލީ އައިޑެންޓިފައި ކުރަން ފެށީމަ އެކަން ހައްލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑައެޅިގެން ގާނޫނާއި ގަވައިދާހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން، ހަރަކާތްތެރިވާ ހާއްސަ ޓާސްކް ފޯހަކުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
”ކުރިއަށް އޮތް އެއްއަހަރު ދުވަހުގެ ތެރޭގައި މިކަން ގާނޫނީ ހަމަތަކުގެ ތެރެއިން ހައްލަކަށް ގެންނާނަން، އެވަގުތު ގާނޫނާ ހިލާފަށް ތިބި މީހުންނަށް ގާނޫނުގެ ތެރެއަށް އައުމަށް ފުރުސަތެއް ދިނުމަށްފަހު އެގޮތަށްވެސް ނުގެނެވޭމީހުން ރާއްޖޭން ބޭރު ކުރާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި