ޖުލައި 6, 2024

ވެލިދޫ ސޯސަން މަގުގައި މަގުބައްތި ޖެހުމާއި ހޮޅުދޫ އުނިމާ މަގުގައި ޖަންކްޝަން އެޅުން ކުރިއަށް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ސެންޓްރަލް ސަރަހައްދުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ނ. ވެލިދޫ އާއި އެ އަތޮޅު ހޮޅުދޫގައި ކުރިއަށްދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކޮށްފި އެވެ.

އާރުޑީސީން ބުނީ، ވެލިދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ސޯސަން މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މަގު ބައްތިތަކަށް ކަރަންޓް ފޯރުކޮށްދޭ ކޭބަލްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ޖަންކްޝަންތަކުގެ ކްރޮސިން އާއި ކަލްވާޓް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ރައިވެރި މަގުގައި މަގު ދުވާރު ޖެހުމަށް ބޭނުންވާ ގަލާއި މަގުގައި ޖަހާ ކާބް ސްޓޯން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރުޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އުނިމާ މަގުގައި ކުރިއަށްދަނީ ޖަންކްޝަން އެޅުމުގެ މަސައްކަތާއި އެޅިފައިވާ ޖަންކްޝަންތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޓިއުލިޕް ހިނގުމުގައި ސްޓޯމް ވޯޓާ ނެޓްވޯކްގެ މަސައްކަތާއި މަގު ކޮނެގެން ކުރާންޖެހޭ މަސައްކަތް އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން މަދަރުސާ މަގު ސާފުކުރުމުގެ މަސައްކަތް ކޮށްދީފައިވާ ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީން ބުނީ، މި ރޯދަމަހު މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ރޭގަނޑު އެކަނި ކަމަށެވެ.