އެކާވީސްވަނަ ގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.
ދެކުނު އޭޝިއާ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ޖުމުލަ 35 ހެޓްރިކް ހަދައިފަ އެވެ. އެގޮތުން ގައުމީ ޓީމަށް ފަސް ހެޓްރިކް އަދި ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި ތިން ހެޓްރިކް ހަދާފައިވާއިރު، ގައުމީ ލީގުގައި ދަގަނޑޭ ވަނީ 21 ހެޓްރިކް ހަދައިފަ އެވެ. އަދި ގައުމީ ކަޕްތަކުގައި އޭނާ ވަނީ ހަ ހެޓްރިކެއް ހަދައިފަ އެވެ.
އެ އަދަދާއެކު 21 ވަނަ ގަރުނުގައި ތިންވަނައަކަށް އެންމެ ގިނައިން ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފު ދަގަނޑޭއަށް ލިބުނު އިރު، އެއްވަނައިގައި އޮތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެވަނައިގައި އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ.
ރޭ ސައުދީ އަރަބިއާގެ އަލް ނަސްރަށް ހެޓްރިކް ހަދައިދިން ރޮނާލްޑޯ ވަނީ ކެރިއަރުގައި 62 ހެޓްރިކް ހަދައިފަ އެވެ. އޭގެ ތެރެއިން ލީގުތަކުގައި 41 ހެޓްރިކް އަދި ގައުމީ ޓީމަށް 10 ހެޓްރިކް ހަދާފައިވާއިރު، ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި އޭނާ ވަނީ ނުވަ ހެޓްރިކް ހަދައިފަ އެވެ.
ލިސްޓުގައި ދަގަނޑޭ އަށްވުރެ މަތީގައި އޮތް މެސީ ވަނީ ޖުމުލަ 56 ހެޓްރިކް ހަދައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ހެޓްރިކް ހެދީ ލީގުގަ އެވެ. އެއީ 36 ހެޓްރިކެވެ. ގައުމީ ޓީމަށް ހެޓްރިކެއް މެސީ ހަދާފައިވާ އިރު، ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި މެސީ ވަނީ އަށް ހެޓްރިކެއް ހަދައިފަ އެވެ.
ދަގަނޑޭ ވަނީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފަ އެވެ. އެގޮތުން ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 58 ގޯލު ޖަހައިފަ އެވެ.

ގުޅުންހުރި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި