ފްރާންސްގެ ސަތޭކައެއްހާ ސުޕަމާކެޓަށް އަމާޒުވި ސައިބާ ހަމަލާއެއްގެ ސަބަބުން، އެ ތަންތަނުގެ އައިސްއަލަމާރިތަކާއި ފުރިޖުތައް ހޫނުވެ، އެތައް މިލިއަން ޔޫރޯއެއްގެ އަގުހުރި ކާބޯތަކެތި ހަލާކުވެއްޖެ އެވެ.
ވަކިވަކި ޗޭނުތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފްރާންސްގައި ހުރި ގާތްގަނޑަކަށް 15,000 ފިހާރައިގެ ތެރެއިން 400 އެއްހާ ފިހާރައަށް މި ހަމަލާގެ އަސަރުކުރި އެވެ.
މި ހަމަލާގެ އަސަރުކުރި އެއް ސުޕަމާކެޓު ޗޭނުން ބުނި ގޮތުގައި، ހެކަރުން ވަނީ ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ ސޮފްޓްވެއާ ހެކްކޮށް, ރޭގަނޑުގެ ވަގުތުގައި ބައެއް ޔުނިޓްތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖައްސައިފަ އެވެ.
ކޯޕަރޭޓިވް ޔޫގެ ޗީފް އެގްޒެކެޓިވް ބުނި ގޮތުގައި މިއީ ސީރިއަސް އަދި މީގެ ކުރިން ދުވަހަކުވެސް ދިމާވެފައިނުވާ ފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެ ކުންފުނީގެ އެތައް ސުޕަމާކެޓަކަށް މި ހަމަލާގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ޗޭނުގެ 100 އަށްވުރެ ގިނަ ސުޕަމާކެޓަށް މި ހަމަލާ އަމާޒުވިއިރު، އިންޓަމާޝޭ އަދި އެ ކުންފުނީގެ ނެޓޯ ބްރޭންޑުގެ 180 ފިހާރައަކަށާއި ކާބޯތަކެތި ވިއްކާ އެހެން ބޮޑެތި ވިޔަފާރިތައް ކަމަށްވާ ކެރެފޫރް، މޮނޯޕްރިކްސް އަދި އީ.ލެކްލާކްއަށް ވެސް މި ހަމަލާ އަމާޒުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ އަމާޒުކޮށްފައިވަނީ ޑެންމާކުގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ޑެންފޮސްގެ ސޮފްޓްވެއާ އަކަށެވެ. އެ ސޮފްޓްވެއާއަކީ ފިހާރަތަކުގެ ފިނިކުރާ ނިޒާމުތައް ދުރުގައި ތިބެގެން ކޮންޓްރޯލް ކުރުމަށް ވިޔަފާރިވެރިން ބޭނުންކުރާ ސޮފްޓްވެއާއެކެވެ.
ޑެންފޮސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ހަމަލާގެ އަސަރުކުރީ ކުރީގެ މޮޑެލްތަކުގެ ފިނިކުރާ ޔުނިޓްތަކަށް ކަމަށާއި އެ ޔުނިޓްތަކަކީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ސެކިއުރިޓީ ސޮފްޓްވެއާ އަޕްޑޭޓް ނުކުރެވޭ މޮޑެލްތަކެއް ކަމަށެވެ. އަދި ސިސްޓަމްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަށް ވިޔަފާރިތަކަށް ވަރަށް ކުރިއްސުރެ އިރުޝާދު ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާގެ ސަބަބުން އަލްސާސް ސަރަހައްދުގެ ދެ ސުޕަމާކެޓަކުން އެކަނިވެސް 270،000 ޔޫރޯ (228،000 ޕައުންޑް) ގެ ގެއްލުން ލިބުނެވެ. އެހެންކަމުން މުޅި ގައުމަށް ބަލާއިރު މި ގެއްލުން އެތައް މިލިއަނަކަށް އަރާފާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ފްރާންސްގެ ޕްރޮސިކިއުޓަރުން ވަނީ މި ހާދިސާއާ ގުޅިގެން ހާއްސަ ސައިބާ ކްރައިމް ތަހުގީގެއް ފަށައިފަ އެވެ. އަދި ޔޫރަޕިއަން ފުޑް ކޮމިޝަނަރު ކްރިސްޓޮފް ހެންސަން ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ.


