ޖުލައި 4, 2024

އުތުރު ތިލަފަޅުގައި ޗައިނާ އިން ކުރަން އުޅެނީ އަސްކަރީ މަސައްކަތެއް، ހަނގުރާމައެއްގެ ބިރު އެބަ އޮތް: ފައްޔާޒު

ދަނޑުވެރިކަން ކުރުމަށް ކަމަށް ބުނެ ޗައިނާގެ ކުންފުންޏަކަށް އުތުރު ތިލަފަޅުގައި ދީފައިވަނީ އަސްކަރީ މަސައްކަތްތަކެއް ކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައިލް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމުކުރުމަށް، އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ހުސްވި މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.

ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދަ މަދުކޮށް ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އެޅުވުމުގެ ބޭނުމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން އުތުރު ތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ މާފަންނު ދެކުނު ދާއިރާގައި މިރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ދަނޑު ހެއްދުމުގެ ބަދަލުގައި ފައްޔާޒު ވިދާޅުވީ އުތުރުތިލަ ފަޅު ހިއްކައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން ނުވަތަ އިގްތިސާދީ މަސައްކަތެއް ކުރުމުން ދައުލަތަަށް ލިބޭނެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.

އަދި އެމްޑީޕީގެ ސަރުކާރުގައި ދައުލަތަށް ހިލޭ، ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ރިސޯޓު ހަދަން ކުއްޔަށް ދޭ އުސޫލަށް ގެނައި ބަދަލާއެކު އުތުރު ތިލަފަޅުގައި ރިސޯޓް ހަދަން ދޭނަމަ ދައުލަތަށް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 150 މިލިއަނާއި 200 މިލިއަން ޑޮލަރުގެ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަދި އެ ފައިސާ އިން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގެން އޮއްވާ އަދި ރާއްޖޭގައި ބޮޑެތި ބިންތައް އޮއްވާ ލޮނުގައި ދަނޑުވެރިކަން ކުރަން ދޭން އުޅެނީ ކީއްވެތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

”ހަގީގަތަކީ މީގައި އެބަ އޮތް ޖިއޯޕޮލިޓިކްސް ވަރަށް ގިނަ ކަންތައްތައް ގުޅިފައި. ގަސް އިންދާކަށް ނޫން އެތަނަށް އެ އަންނަނީކީ. އެތަނުގެ ކުރިމަތީގައި އެ އޮތީ އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް. އެތަނުގެ ކުރިމައްޗަށް މި އަންނަނީ މި ހިސާބުން ދުރު ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަންވެގެން،“ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޗައިނާގެ އަސްކަރީ އުޅަނދެއް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ތިން މަސް ވަންދެން ހަރަކާތްތެރިވެ، ރާއްޖޭގެ ކަނޑުއަޑި ބަލައި ޗާޓެއް ހަދަމުންދާއިރު އެ މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެން ކަމެއް ނޭނގޭ ކަމަށެވެ.

”ބިރުވެރިކަމަކީ ކުރިއަށް އޮތްތަނުގައި މި ސަރަހައްދުގައި ހަނގުރާމައަކާ ދިމާލަށް ދިއުމުގެ ސައިންތައް މި ފެންނަނީ. މާދުރުގައި އޮތް ބާރެއް ގެނެސް މި ސަރަހައްދަށް އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން މި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަމަސަލަސްކަން ނަގާލަން އުޅޭތަން. ވަރަށް ބިރުވެރި ކަންތައްތަކެއް ވެގެން މިދަނީ،“ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ އުތުރުތިލަ ފަޅުން އަދިވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ދޭނެ ކަމަށެވެ.

”އަޅުގަނޑު މާލޭގެ ރައްޔިތުންނަށް މި ދަންނަވަނީ، މާތްﷲ އިރާދަފުޅުކުރެއްވިއްޔާ 2028 ވަނަ އަހަރު އެމްޑީޕީ އަނެއްކާ ވެސް ރާއްޖޭގެ ވެރިކަމާ ހަވާލުވެފައި، އުތުރުތިލަ ފަޅުގައި ކިތަންމެ ގަހެއް އިންދާފައި އޮތަސް، އެތަން އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ބަދަލުކޮށްލާނަން،“ ފައްޔާޒު ވިދާޅުވި އެވެ.