ރަޙުމަތުގެ މައްސަރު އަޅުގަނޑުމެންނާ އަލްވަދާޢުކިޔަން ތައްޔާރުވެއްޖެއެވެ. ރޯދަމަހުގައި ބާކީ އޮތީ ހަފްތާއެއްހައި ދުވަހެ. މި މަހުގެ ކުރީކޮޅުގައި މާބޮޑު ހިތްވަރަކާ އެކު އަޅުކަމުގައި ނުއުޅެވުނުކަމުގައި ވިޔަސް މާޔޫސް ނުވާށެވެ. މާޒީވެ ދިޔަ ދުވަސްތަކާ މެދު ދެރަ ނުވާށެވެ! ކުރިޔައް ހުރި ދުވަސްތަކުގައި އައު ޢަޒުމަކާ އެކު މަސައްކަތް ފަށާށެވެ. މީ އެންމެ ފަހު ވަގުތުކޮޅެވެ. ހިތްވަރުކުރާށެވެ!
މިހާރު އަޅުގަނޑުމެން ގުނަމުން މި ދަނީ ފަހު ދިހައިގެ ދުވަސްތަކެވެ. މި ދުވަސްތަކުގެ ރޭތަކަކީ އުންމީދުން ފުރިގެންވާ ރޭތަކެކެވެ. އެ ރެއެއްގައި އެއް ހާސް މައްސަރައްވުރެ ހެޔޮކަން ގިނަ ވެގެންވާ ލައިލަތުލްޤަދްރި ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައެވެ. ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمޙަދީޘްކުރެއްވިއެވެ. «تَحرَّوا ليلةَ القَدْر في العَشْر الأواخِر من رمضانَ» (رواه البخاريُّ) މާނާއީ: ”ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ހޯދަން ތިޔަބައިމީހުން މަސައްކަތްކުރާށެވެ!” އަޅުގަނޑުމެން މިއަދު މި ތިބީ އެރޭތަކުގެ ތެރޭގައެވެ. އެހެންކަމުން މިއީ މީ އެންމެ ފަހު ވަގުތު ކޮޅެވެ. މި ދުވަސްކޮޅުގައިހިތްވަރުކުރާށެވެ!
ލައިލަތުންޤަދްރީގެ ސަވާބާއި އަޖުރަކީ 1000 މައްސަރަށް ވުރެ ހެޔޮވެގެންވާ ސަވާބާއި ދަރުމައެވެ. މި އީ އެންމެ މަދުން އެރޭގައި ލިބޭނޭ އަޖުރެވެ. އެއީ އަޅުގަނޑުމެން މީހެއްގެ އުމުރުގެ ދުވަސްތަކަށް ވުރެ މާ ގިނަ ސަވާބެއެވެ. 83 އަހަރާއި 4 ވަރަކަށް މަހުގެ ސަވާބެއެވެ. އެއީ އަދި އެންމެ މަދު މިންވަރެވެ. ﷲ ވަޙީކުރައްވައިފައި ވަނީ ﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾ (القدر: ٣) މާނައީ: ”ލައިލަތުލްޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެހެޔޮކަން ބޮޑެވެ.” މި އާޔަތުން އެނގެނީ 1000 މައްސަރުގެ ހެޔޮކަމަށްވުރެ އެރޭގެ ދަރުމައާއި ސަވާބު އިތުރު ވާކަމެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ އާޔަތުގައި އޮތް ޢަދަދުގެ މަޤްޞަދަކީ އަޖުރުގެ މިންވަރު ކަނޑައެޅުން ނޫންކަމުގައެވެ. އެހެނަސް އެއީ ގިނަކަން ހާމަކުރުމެވެ. މި ވަރުގެ މަތިވެރި ސަވާބުން މަޙުރޫމުވާން އެދޭނޭ އެއްވެސް މީހަކު ހުރެދާނެބާއެވެ. އީމާންވެގެންހުރި އެކަކު ވެސް އެފަދައިން ނޭދޭނޭކަން ޔަޤީނެވެ.
ރަމަޟާންމަހުގެ ހުރިހާ ދުވަހެއް އަދި ހުރިހާ ރެއެއް މާތް ﷲ ލައްވައިފައި ވަނީ ހެޔޮކަމަށް އެދޭމީހުންނަށް އެ ކަމުގައި ކުރިއަރައި ދެވޭގޮތަށެވެ. ދުވާލުގެ ރޯދައަކީ ފުއްސެވުމެކެވެ. ރޭގަނޑުގެ އަޅުކަމަކީ ފުއްސެވުމެވެ. އިސްވެދިޔަ ހުރިހާ ފާފައެކެވެ. އަދި ކޮންމެ ރެއަކު ﷲ ތަޢާލާ އެތައް ބަޔަކު ނަރަކައި މުއްތިކުރައްވަތެވެ. އެހެންކަމުން އީމާންކަމާ އެކު ﷲގެ ހަޟްރަތުން ދަރުމައާއި ސަވާބަށް އެދި އަޅުކަންކުރުމުގައި މި ދުވަސްތަކާއި ރޭތައް ހޭދަކުރާ ކޮންމެ އަޅަކަށް އޮތީ އުފާވެރިކަމުގެ ޚަބަރެވެ. ސަލާމަތުގެ މަގެވެ. ނަރަކައިން މުއްތިކުރެއްވުމެވެ. ސުވަރުގޭގެ އަހުލުވެރީން ކަމުގައި ލިޔުއްވުމެވެ. މިފަދަ މަތިވެރި ދެއްވުން ތަކުން މަޙުރޫމުވާ މީހަކު ކަމުގައި އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް ނުލައްވާށިއެވެ.
މި ރޭތަކުގެ ހެޔޮކަމުން މަޙުރޫމުވުމަކީ ބަދުނަސީބުކަމެކެވެ. ޚާއްޞަކޮށް ލައިލަތުލްޤަދްރީގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމު ވެއްޖެއެވެ. އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވިއެވެ. «فيهِ ليلةٌ خيرٌ مِنْ ألفِ شهرٍ ، مَنْ حُرِمَ خيرَها فقدْ حرِمَ» މާނައީ: ”އެއް ހާސް މައްސަރައްވުރެ ހެޔޮވެގެންވާ ރެއެއް ރަމަޟާންމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމު ވެއްޖެ މީހާ ހަމަކަށަވެރުން ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ.“ އެރޭގެ ހެޔޮކަމުން މަޙުރޫމު ވުމަކީ ކޮބައިތޯއެވެ؟ އެއީ އެރޭގެ ވަގުތުތަކުގައި އަޅުކަމުގައި އުޅުމުން މަޙުރޫމު ވުމެވެ. އެރޭގައި ހެޔޮ ކަންކަން ކުރުމުގެ ފުރުޞަތު ގެއްލުމެވެ. ދުނިޔެވީ ކަންކަމުގައި މީހާ އަވަދިނެތިވުމެވެ. އެފަދަ މީހާއަށް ޓަކައި އާޚިރަތުގެ އެތައް ކަމެއް އެދަނީ އުނިވަމުންނެވެ. އާޚިރަތަކީ ދުނިޔޭއާ އަޅާބަލާއިރު އެއްވެސް ހެޔޮކަމެއް އެކުލެވިގެންވާ ތަނެއް ނޫނެވެ. އެހެން ކަމުން އާޚިތަރުގެ ހެޔޮކަމާއި ސަވާބު ދޫކޮށް، ފުއްސެވުމާއި ދިންނެވުމަށް އެދި ދުޢާކުރުމުގައި އިނުން ދޫކޮށް ދުނިޔޭގެ ކަންކަމައިގެން އުޅެފި މީހާ އެ ވަނީ އާޚިރަތުގެ ހުރިހާ ހެވަކުން މަޙުރޫމުވެފައެވެ.
ލައިލަތުލްޤަދްރީގެ ހެޔޮކަމުން މަޙުރޫމުވާ ބަޔަކު ކަމުގައި އަޅަމެންގެތެރެއިން އެކަކު ވެސް ނުލައްވާށިއެވެ. އެރޭގައި ހީވާގިކަމާ އެކު އަޅުކަމުގައި އުޅުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ހުރިހާ މުސްލިމުންނަށް ގޮވައިލާ ނަސޭހަތްތެރި ވަމެވެ. މި ރޭތަކުގައި ހެޔޮކަން ޣަނީމާކުރަން އަވަސްވެގަތުމަށް ވަޞިއްޔަތް ކުރަމެވެ. އޮފީސްތައް މި އޮތީ ބަންދުވެފައެވެ. ސްކޫލް މަދަރުސާތައް ވެސް ބަންދެވެ. ކަންނެތްވެ ފަހަތަށް ނުޖެހޭށެވެ!ކުރިއަރާދާށެވެ! މީ އެންމެ ފަހު ވަގުތު ކޮޅެވެ. ހިތްވަރުކުރާށެވެ!
ގުޅުންހުރި
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.