އޮކްޓޯބަރ 11, 2024

އީދު އަލިން މުޅި ރާއްޖެ ދިއްލާލުން: ސްޓެލްކޯ އިން ލީޑާޝިޕްގެ ނައިގެން ހިންގި ގައުމީ ބޮޑު މަސައްކަތެއް

ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލައި މުޅި ގައުމަށް އޭގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، އެ މަސައްކަތް ރާވައި ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއްގައި ބޮކިތަކާއި މައިޒާންތައް ހަދައި، ޒީނަތްތެރިކޮށްފަ އެވެ. އީދު އަލިތައް ރަސްމީކޮށް ދިއްލާލަދެއްވާނީ މިރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން އެކަމަކީ އީދު ފާހަގަކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

”މިކަމަކީ އަންނާން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް. މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް،“ ފަހުމީ ވިދާޅުވެފައިވެ އެވެ.