ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާއަށް ހުރަސް އަޅަނީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަމަށް ފުލުހުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ބުނެ އެ ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ. އަދި ގޭތު ބޭރުގައި ތިބި މީހުންނާ ދިމާލަށް ޕެޕާ ސްޕްރޭވެސް ބޭނުންކުރި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލް ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
”އަދި އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މި ވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން ދަނީ އެޓެންޑް ކުރަމުން،،“ ޝިފާން ވިދާޅުވި އެވެ.
ފުލުހުން އެ ޖަލްސާ ހުއްޓުވި އިރު، އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ތިއްބެވެ.
ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވަމުންނެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!