ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅީ އެ މަނިކުފާނުގެ އެންގުމާ ހިލާފަށް ކަމަށާއި އެކަމާ ހުރެ، ރޭގައި ނިދިވެސް ނުކުރެއްވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިޔާޒުއްދީން ސްކޫލުގައި ރޭ ބާއްވަން އޮތް ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެތަނަށް އެސްއޯ ފުލުހުން ގޮސް، ގޭޓު ބަންދުކުރުމުން ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެކަން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕާ ސްޕްރޭވެސް ޖެހި އެވެ.
ރޭ ހިނގި ކަންތަކާ ގުޅިގެން، ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރާކަށް ނުވަތަ އުދަނގުލެއް ކުރާކަށް އެ މަނިކުފާނުގެ ފަރާތުންނާއި ސަރުކާރުގެ އެއްވެސް ހިސާބަކުން އެންގުމެއް ނާންނާނެ ކަމާއި އެފަދަ އެންގުމެއް ގޮސްފި ނަމަ އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅާނެ ވާހަކަ ހޯމް މިނިސްޓަަރާއި ކޮމިޝަނަރު އޮފް ޕޮލިސް އަދި ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.
”ރޭގައި މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނީ އެއްވެސް ގޮތަކަށް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެން. އެއްގޮތަކަށްވެސް ނުވާނޭ. ފޮނުވަން ޖެހިއްޖެއްޔާ އަޅުގަނޑަށް އެނގޭނޭ މި ގައުމު އެ ހިސާބަށް ދިޔައީމަ އަޅުގަނޑު ދަންނަވާނަމޭ އެވަރު ކުރަން ޖެހިއްޖެއްޔާ،“ ރޭ ހިނގި ކަންތަކާ ގުޅިގެން ހިތާމަކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުން ތަހުގީގުކޮށް، އެކަން ކުރީ ކާކު ކޮންތަކަށް ދިން އިރުޝާދަކުންތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށް ހޯމް މިނިސްޓަރަށާއި ކޮމިޝަނަރު އޮފް ޕޮލިހަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެ ތަހުގީގުގެ ރިޕޯޓް މިރޭ އެ މަނިކުފާނަށް ފޮނުއްވުމަށްވެސް އަންގަވާފައިވާނެ ކަމަށާއި އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަހުގީގު ރިޕޯޓަށް ބެއްލެވުމަށްފަހު އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އެ މަނިކުފާނު އަޅުއްވާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށާއި އެ މަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮންނަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު ބޭނުންނުވި ކަމެއް، އަޅުގަނޑު ނުކުރަން ބުނެފައި އޮތް ކަމެއް ކުރީމަ. އެކަމާ ހެދި އަޅުގަނޑު ހަގީގަތުވެސް މިހުރީ ރަނގަޅަށް ނުވެސް ނިދުނު. އަދި މިހުރީ ނުނިދާ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މިކަމުގެ ރިޕޯޓް ލިބި މިކަމުގެ އަޑިއަށް ދެވި، މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއްނުވޭ އަޅުގަނޑަށް ހިތްހަމަޖެހުމެއް ލިބޭނެހެންނެއް،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ
މަސްދޯނިތަކުން 39 ބިދޭސީއަކު އަތުލައިގެންފި، ފިލަންވެގެން އެކަކު ފުންމާލީ މޫދަށް!