އޮކްޓޯބަރ 11, 2024

އައްޑޫ ބުރިޖުގެ މަސައްކަތަށް އެމްޑީޕީގެ އެއްބާރުލުން ލިބިގެންދާނެ: ސޯލިހު

މި ސަރުކާރުން ކުރިއަށް ގެންދާއައްޑޫ ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް ވަޑައިގެން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ސޯލިހު މިރޭ ވިދާޅުވީ އައްޑޫގައި ބުރިޖެއް ހަދާއިރު، އެ ބުރިޖު މަތިން ދަތުރުކުރަންވީ ސަބަބެއް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދައްކަން ޖެހޭނެ ކަމަށެވެ.

”މިއަދުގެ ސަރުކާރުން ވައުދުތަކެއް އެބަވޭ، އަޅުގަނޑު ހިތުން ހުޅުދޫ މީދޫއާއި ހިތަދޫ ގުޅައިލުމުގެ ވާހަކަތަކެއް އެބަ ދެކެވޭ، ކުރައްވަންވީ އެހެންނަމަވެސް ތަރުތީބެއް އޮންނަންޖެހޭނެ ކަންތައްތަކުގައި، ކުރައްވަންވީ އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އެކަމަށް އޮންނާނެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ ތާއީދެއް އެކަމަށް އޮންނާނެ،“ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އެމްޑީޕީން ރާވާފައިވަނީ އައްޑޫގައި ބުރިޖުގެ މަޝްރޫއާއެކު އިގްތިސޯދީ މަޝްރޫއުތަކެއްވެސް ފެށުމަށް ކަމަށެވެ. އެކަން ކާމިޔާބުވާނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ސޯލިހު ވިދާޅުވިއެވެ.

އައްޑޫއަށް މިވަގުތު ބުރިޖަށް ވުރެ މުހިންމީ ވަޒީފާގެ ފުރުސަތުތަކެއް ލިބި އިގްތިސޯދީ ގޮތުން ކުރިއަރައިގެން ދިޔުންކަމަށް ސޯލިހު ވިދާޅުވިއެވެ. އެމްޑީޕީން މިދިޔަ ފަސް އަހަރު ކުރިކަމަކީ އައްޑޫގެ އިގްތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަނީ އައްޑޫގައި ތަރައްގީގެ މަޝްރޫއުތަކެއް ފަށައިފައި ކަމަށެވެ. ލަސްނުކޮށް އެ މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ސަރުކާރަށް ގޮވާލާކަމަށް ސޯލިހު ވިދާޅުވިއެވެ.