ކުރީ ސަރުކާރުން ރަށްރަށުގައި ތަރައްގީއަށް ފަށައިފައިވާ މަޝްރޫއުތަކަކީ މި ސަރުކާރުގެ މަޝްރޫއުތަކަށް ހަދައިގެން ކަމަށްވިޔަސް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިމަހުގެ 21 ގައިި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕޭނަށް އެމްޑީޕީން، އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ވަނީ އައްޑޫގެ ބިން ހިއްކުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރައްތައް ހެދުމާއި ޓޫރިޒަމް ތައާރަފުކުރުމުގެ ގޮތުން ހަންކެޑް ތަރައްގީކުރަން ފަށައިފައި ކަމަށެވެ.
ސޯލިހު ވިދާޅުވީ އައްޑޫގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ ފުރަތަމަ ފޭސްގައި 111 ކިލޯ މީޓަރުގެ މަގު އަދި ދެ ވަނަ ފޭހުގައި 67 ކިލޯމީޓަރުގެ މަގު ހެދުމަށްވެސް ޕްލޭންކޮށްފައިވާ ކަމަށެވެ.
”އަޅުގަނޑު އެދެނީ ރައީސް ޑރ. މުއިއްޒަށް މިކަންކަންތައްތައް ކުރިއަށް ގެންދެވުމަށް. އަޅުގަނޑަށް އެންމެ ރަނގަޅު، މާތް ކަލާކޯ ތި އެއާޕޯޓަށް ކޮންމެ ނަމެއް އެބޭފުޅާ ވިދާޅުވިޔަސް. ބޭރުގައި ރައީސް ޑރ. މުއިއްޒު އެއާޕޯޓު ޖެއްސެވިޔަސް މައްސަލައެއް ނެތް. ޖައްސަވަންވީ. ތިމަންނާއޭ މަގުތައް މިހަދަނީ ކިޔާފައި ހެއްދެވިޔަސް މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ. އެކަން ނިންމަވާ،“ ސޯލިހު ވިދާޅުވިއެވެ.
އެމްޑީޕީން ބެލީ ޕާޓީއަށް ރީތި ނަމެއް ހޯދުމުގެ ބަދަލުގައި އައްޑޫ ތަރައްގީކުރަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރީ އައްޑޫއަށްކަމަށް ސޯލިހު ވިދާޅުވިއެވެ.
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް އެ މަނިކުފާނުގެ ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކޮށްފައި ކަމަށާއި އެކަމާއިމެދު ފަހުރުވެރިވާކަމަށް ސޯލިހު ވިދާޅުވިއެވެ.
ތަރައްގީގެ އެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔައީ ދަރަނިވެސް ދައްކަމުން ކަމަށާއި މި ސަރުކާރުން ތިން މަސް ދުވަސްތެރޭގައި 800 މިލިއަން ރުފިޔާ ލޯނަށް ދެއްކިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުރުވެރިވާއިރު، އެމްޑީޕީގެ ވެރިކަމުގައި ކޮންމެ ތިން މަހަކު 1.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދައްކާފައިވާނެކަމަށް ސޯލިހު ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކާފައިވަނީ ކޮވިޑް-19އިގެ ދަތި ހާލަތުގައި ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.


ގުޅުންހުރި
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި