އާމްދަނީގެ ގޮތުގައި މަހަކު 60,000ރ. އަށްވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖް އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, އާސަންދަ މިހާރު ދެނީ އެންމެ ފަގީރު މީހާ އާއި އެންމެ މުއްސަނދި މީހާއާމެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖް ދެވޭ ގޮތަށް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބޭރުގެ ފަރާތްތަކާއި ފަންނީ އެއްވެސް ފަރާތަކުންވެސް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
”އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި 60,000ރ. ރުފިޔާއިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮންނަ ގޮތަށް ފުލް ކަވަރޭޖް އާސަންދެއް ނުލިބޭނެ. 60,000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯ-ޕޭ ނޫނީ ޕްރީ-ޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނީ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އެ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް އެ ފައިސާ ހަރަދުކުރެވޭނެ ކަމަށެވެ.
”އެހެންވީމާ މުއްސަނދިންނާއި، އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ. އެހެންވީމަ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ،“ ރައީސް ވިދާޅުވި އެވެ.


