ޖުލައި 4, 2024

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ހިންގި، ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ހައުސިން މިނިސްޓްރީން ހުޅުވާލީ މި މަހުގެ ހަވަަނަ ދުވަހު އެވެ. އެ ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދިނުމުގެ ސަބަބުން ކަމަށެވެ.

އެހެންވެ، 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ކުރިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅިފަޅަށް ބަދަލުވާން ބޭނުންވާ މީހުން ތިބި ނަމަ އެ އަދަދު ކަނޑައަޅާނީ ގުރު ނަގައިގެންނެވެ. އެ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު:

– 1،250 އަކަފޫޓުގެ 193 ގޯތި.

– 1،650 އަކަފޫޓުގެ 663 ގޯތި.

– 2،050 އަކަފޫޓުގެ 487 ގޯތި.

– 2.450 އަކަފޫޓުގެ 4 ގޯތި