އަލްމަޝްރައު ޓުއާސްގެ ފަރާތުން މި ރޯދަމަހު އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެއަށް ނާދެވި، މައްކާގައި ތާށިވެއްޖެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކުރި މައްސަލައިގައާއި ޗެކް ބައުންސްވި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ ބާތިލުކޮށްފައެވެ. ނަމަވެސް އެ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ވަނީ އަލްމަޝްއަރު ޓުއާސްގެ ނަމުގައި ޓްރަވަލް އެޖެންސީއެއް އުފައްދައި މީހުން އުމްރާއަށް ގެންގޮސްފައެވެ. އެކަމަކު އެއީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓްރަވަލް އެޖެންސީއެއް ނޫނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުން، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި، މީހުން އުމްރާއަށް ގެންދިޔުމާއި ފައިސާ ނެގުމަކީ މަނާކަމެއް ކަމަށެވެ.
”މި ކުންފުނިން ނަގަންޖެހޭ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެގުމަށް މި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދައްކައިގެން، އޮޅުވާލައިގެން އާއްމު ރައްޔިތުން އަތުން ފައިސާ ނަގަމުންދާކަމާއި، އަދި މި އަހަރުގެ ރަމަލާން މަަހު އުމްރާއަށް ގެންދިޔަ ފަރާތްތަކަށް ވެސް ރާއްޖެ ނާދެވިފައި ތިބި ކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިހާރުވަނީ ފޮނުވިފަ“ އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށާއި އުސޫލާ ހިލާފަށް އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ ނަގާނީ އެ ފަރާތަކުން އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އަލްމަޝްރައު ޓުއާސްއަށް އުމްރާއަށް ދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ