ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލްކުރުމުން އެ މަނިކުފާނު މިނިވަންވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށެވެ. ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލާގައި ހުކުމް އިއްވާފައިވަނީ ވަކިވަކިންނެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު ކުރި ހުކުމުގައި ވަނީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހުކުމްކޮށްފަ އެވެ.
އަދި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ މައްސަލާގެ ޖަލު ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށް މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމުގެ ރައުޔުގައި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވީ މަނީ ލޯންޑަރިންގެ މައްސަލަ ބެލުމުގައި ކްރިމިނަލް ކޯޓުން ކަންތައްކުރި ގޮތުގެ ސަބަބުން ޔާމީނަށް ދިފާއުވުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން އެ މަނިކުފާނުގެ ބައެއް ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާތަކެއް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް އެ މަނިކުފާނުގެ މަލީ ބަޔާނުގައި އޮތުމުން، އެއީ ޔާމީންއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށްވެސް ވިދާޅުވި އެވެ.
އެ ކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި އިއްވި ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ބެލުމަށް ފޮނުވުމަށެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ހަސަން ޝަފީއު ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފަ އެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަލީމް ހުކުމް ކުރެއްވީ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން