ލޯންޗުތައް ކައިރިކުރަން އެމްއެމްއޭ އާއި ފޮރިން މިނިސްޓްރީ ކުރިމަތީ ތިން ފާލަން ހަދަނީ

ރައީސް ކުރެއްވި ޕޯސްޓުގައި އެމްއެމްއޭ ކުރިމަތީގައި އޮންނަ ފަޅުގައި ފާލަން ހަދަން ނިންމާފައިވާ ގޮތް ---

މާލޭގެ ބޭރުމަގު ތަރައްގީކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެމްއެމްއޭ ކުރިމަތިންނާއި ފޮރިން މިނިސްޓްރީ ކުރިމަތީ ފަޅުގައި ތިން ފާލަން ހަދަން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު މިއަދު ވަނީ ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވައިފަ އެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުން އެމްއެމްއޭ އާއި އެމްޓީސީސީގެ އާ އިމާރާތުގެ ކުރިމަތީ ފަޅުގައި ތިން ފާލަން އަދި ބޭންކް އޮފް މޯލްޑިވްސް ކުރިމަައްޗަށްވާ ގޮތަށް ހެދި އާ ޕާކިން ޒޯން އާއި މަސްވެރިންގެ ޕާކާ ދެމެދު އޮންނަ ފަޅުގައި ތިން ފާލަން ހަދާނެ އެވެ.

އެ ފާލަންތައް ހަދަން ނިންމާފައިވަނީ ދެ ފަރާތަށްވެސް ލޯންޗުތަކަށް ކައިރި ކުރެވޭ ގޮތަށެވެ. ނަމަވެސް ފާލަންތައް ހަދަން ނިންމާފައިވަނީ ހިޔާވާ ގޮތަކަށް ނޫނެވެ. މިއީ އާންމުކޮށް ލޯންޗުތައް އެންމެ ގިނައިން ކައިރިކޮށް މީހުން އަރުވައި ބާލައި ސަރަހައްދަށްވެފައި، އެ ސަރަހައްދުގައި ހިޔާވާނެ ގޮތެއް ނެތުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.

ރައީސް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ޑިޒައިންތަކަކީ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމާއި އެ ސަރަހައްދުގެ ބަނދަރު ތަރައްގީކުރުމުގެ އިތުރު ފޭސްތައް ކަމަށެވެ. އެގޮތުން އެ ހުރިހާ މަސައްކަތްތަކާއި އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދައި ނިންމޭނެ ކަމަށްވެސް ވިދާޅުވި އެވެ.