ޒިންމާތައް ހަވާލުވެ ތިބި މީހުންނޭވެ. ގިޔާމަތް ދުވަހުން ޒިންމާތަކާމެދު ސުވާލު ވެވޭނެއެވެ.

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގެ ތެރެއިން ---

އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބި މީހުންނަކީ، ގިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މުޖުތަމައުގެ އެއްބައިވަންތަކަމާއި ވަހުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. އަދި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެ މީހަކު ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނެ މީހެއް ކަމަށާއި ހަމަ އެފަދައިން ކޮންމެ މީހަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމައަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ބުންޏެވެ.

ވަކީން ހާއްސަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބި މީހުންގެ އަހުދުތަކާއި ހުވާތަކަށް ހުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ ކަމަށެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, އިސްލާމީ މުޖުތަމައުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި އަދުލުއިންސާފުގެ މައްޗަށް ކަމަށާއި ތަރައްގީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް އަދުލުއިންސާފުގެ މައްޗަށް ކަމަށެވެ. އަދި އަދުލުއިންސާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށާއި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ހައްގު އަދަބު ލިބޭން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

މުޖުތަމައުގެ އެއްބައިވަންތަކަމާއި ވަހުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމައުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިހުލާސްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ހުރިހައި ކަމެއްގައި ވެސް އަދި ހުރިހައި ހާލަތެއްގައިމެ އަދުލުވެރިވުމަށް، ކީރިތި ގުރުއާނުގައި މާތް الله ވަނީ އަމުރުކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިހުލާސްތެރިވާން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.