ޖުލައި 2, 2024

މީޑިއާ ކުރިމަތީގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ އެކިފަހަރު އެކި ގޮތަށް، ދޮގު ހަދާތީ ވާގޮތެއް: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މީޑިއާ ކުރިމަތިގާއި އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ކަމަށާއި އެއީ އެ މަނިކުފާނު ދޮގު ހަދާތީ ވާގޮތެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެން)ން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންތައްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލްކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ. ހައި ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

”މުއިއްޒު އެކަން ދެކޮޅު ޖައްސަވަން ކޮންކަހަލަ ވާހަކަތަކެއްތޯ އެ ދެއްކެވީ، މީޑިއާގެ ކުރިމަތީގަ ސިޔާސީ ވެރިޔަކު އައިސްފަ އެއްފަހަރު ދައްކާ ވާހަކައެއް ދެފަހަރު ތިންވަނަ ފަހަރު ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޏާ އެއަށް ކިޔާނީ ދޮގުހެދުން ދެއްތޯ,“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ހުންނެވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށާއި އަދި އެއްބާރުލުން ރައީސް މުއިއްޒަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު، އެ ހުށަހެޅުން ގަބޫލުފުޅު ނުކުރެއްވީކަމަށް ޔާމީން ވިދާޅުވިއެވެ.

”އަޅުގަނޑަކަށް ނޭނގޭނެ ދެއްތޯ މުއިއްޒު ވިސްނަވާވަޑައިގަންނަވާ ގޮތެއް، އަޅުގަނޑު މި ދެންނެވީ އަޅުގަނޑާ ހަމައިން އަޅުގަނޑު އަތް ދިއްކޮށްލީމޭ، އެ އަތުގަ ހިފަން މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޫން ދެއްތޯ،“ ޔާމީނު ވިދާޅުވި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެންމެ އިސްކަމެއް ދީގެން ކުރާނީ މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންކަމެއް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްވެސް ފެންވަރެއް ނެތް މީހުންނަށް ވަޒީފާ ދިނުމާއި ތައުލީމީ ޒުވާނުން ބާކީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަކި އާއިލާތަކެއްގެ މީހުންނަށް ތައުލީމާއި ތަޖުރިބާ ނެތަސް މި ސަރުކާރުން ވަޒީފާ ދީފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުން ވަނީ ހިއްކާފައިވާ ބިންތަކެއް ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށާއި އެފަދަ ކަންކަން ގަބޫލުނުކުރެއްވޭނެ ކަމަށެވެ. އެ ހުރިހާ ކަންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ގޯސް ކަންތައްތަކެއް ހިނގާނަމަ ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވާނެ ކަމަށެވެ.

”އެކަމަކު ރައްޔިތުންނަށް ގެއްލޭ ބޮޑެތި މަސްލަހަތު ތަކާ ދައުލަތުގެ މުދަލަށް ނާއިންސާފުން ކަންތައް ކުރާ ގޮތަށް އަޅުގަނޑުމެން ވަރަށް ފާމް ވާނެ، އެފަދަ ކަންކަމުގައި ސަރުކާރަށް ތާއީދު ނުކުރާނެ. މިހާރު ވެސް އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ. އަޅުގަނޑުމެން ނުކުމެ ޝަހުސީ ގޮތުން، ޒާތީ ގޮތުން ރައީސް މުއިއްޒަށް ފާޑުކިޔަނީ އެއް ނޫން. އެ ކުރައްވާ މަސައްކަތްޕުޅަށް ފާޑު ކިޔަނީ،“ ޔާމީން ވިދާޅުވިއެވެ.