ނޮވެމްބަރ 10, 2024

މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ތެރެއިން މާނުގެ ޖީބަށް 4.6 މިލިއަން، ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުގައި މާނުގެ މައްޗަށް އެ ދައުވާތައް އުފުލީ، 10 ޑިސެމްބަރު 2013 އިން 16 ނޮވެމްބަރު 2018 އާ ހަމައަށް ގޭހުގެ އެމްޑީގެ މަގާމުގައި ހުރެ އޭނާއަށާއި އޭނާގެ އާއިލީ ބައެއް މީހުންނަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްޑީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

އެއިން ކޮންމެ ދައުވާތަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މާނުގެ މައްޗަށް ކުރާ ހަތް ދައުވާ ސާބިތުވެއްޖެ ނަމަ 22 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕީޖީ އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މޯލްޑިވް ގޭހަށް ލިކުއިޑް ޕެޓްރޯލިއަމް (ކައްކާ ގޭސް) ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލްއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އެ މުއްދަތުން ފެށިގެން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަތް ފަހަރެއްގެ މަތިން އެ ކުންފުނިން މޯލްޑިވް ގޭހަށް ގޭސް ފޯރުކޮށްދީފައިވެ އެވެ.

އެ އަށް ޝިޕްމަންޓަށް މޯލްޑިވް ގޭހުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުން ޖުމުލަ ތްރީޑީއެޗް އިންޓަނޭޝަނަލް އަށް ޖުމުލަ 4.7 މިލިއަން އެމެރިކާ ޑޮލަރު (72 މިލިއަން ރުފިޔާ) ޓްރާންސްފާ ކޮށްފައިވެ އެވެ.

އަދި އެ ޝިޕްމަންޓްތަކަށް މޯލްޑިވް ގޭހަށް ފައިސާ ދައްކާފައިވާ މުއްދަތާ ކައިރި މުއްދަތެއްގައި މާނުއަށް ނުވަތަ މާނުއާ ގުޅުންހުރި ފަރާތަކަށް ނުވަތަ ކުންފުންޏަކަށް ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެގޮތުން ޖުމުލަ ހަތް ފަހަރެއްގެ މަތިން 298،404 އެމެރިކާ ޑޮލަރު (4.6 މިލިއަން ދިވެހި ރުފިޔާ) މާނުއަށާއި އޭނާގެ އާއިލީ ބައެއް މީހުންނަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ، ތްރީޑީއެޗް އިންޓަނޭޝަނަލްގެ ފަރާތުން ސީދާ މާނުގެ އެކައުންޓަށް ތިން ފަހަރެއްގެ މަތިން ފައިސާ ޖަމާކުރި އިރު ތިން ފަހަރެއްގެ މަތިން މާނުއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށެވެ. އަދި އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ކުންފުންޏަކަށް އެއް ފަހަރު އަދި މާނުގެ އެއްބަފާބޭބެ ހ. ހެންވޭރުފެހި އަހުމަދު ހަމީދަށް އެއް ފަހަރު ފައިސާ ޖަމާކުރި ކަމަށް ބުންޏެވެ.

ތްރީޑީއެޗް އިން ފައިސާ ޖަމާކުރި މީހުންނާއި އަދަދުތައް:

  • މާނުއަށް: 125،418 ޑޮލަރު (1.9 މިލިއަން ރުފިޔާ)
  • މޮން އާކް ޕްރައިވެޓް ލިމިޓެޑަށް: 112،106 ޑޮލަރު (1.7 މިލިއަން ރުފިޔާ)
  • އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑަށް: 24،930 ޑޮލަރު (384،420ރ.)
  • މާނުގެ އެއްބަފާބޭބެ ހަމީދަށް: 34،950 ޑޮލަރު (538،929ރ.)

 

މި ފައިސާތަކަކީ މާނު، އޭނާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުންޏަށް ގޭސް ސަޕްލައި ކޮށްދިނުމަށް ތްރީޑީއެޗް އިންޓަނޭޝަނަލްއާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މާނުއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއް ކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މައުލޫމާތުދީފައިވާތީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އެ މައްސަލައިގެ އަޑުއެހުމެއް ވީއެންމެ އަވަސް ތާރީހަކަށް ތާވަލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އަދި ދައުވާ ލިބޭ މީހާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށްވެސް އެދިފައިވާނެ ކަމަށް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެފަދަ އަމުރެއް ނެރެދޭ ހާލަތުގައި އިންޓަޕޯލް މެދުވެރިކޮށް، ދައުވާ ލިބޭ މީހާ ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ހިދުމަތަށް ފަހިވާނެ ކަމަށެވެ.