ނޫސްވެރިޔާ އަދި ’ދަ ޕްރެސް‘ ނޫހުގެ އެޑިޓަރު އަލީ ސަމްއާންއަށް މި ސަރުކާރުން ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.
ސަމްއާނަށް ސްޓޭޓް މިނިސްޓަރުކަން ދިނީ ކުރީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑު) މިނިސްޓަރުކަން ކުރައްވާ ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީންނެވެ.
ނަމަވެސް އޭނާ އަށް އެ މަގާމު ދިންކަން ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ދެހާސް ވަނަ އަހަރު ނޫސްވެރިކަމަށް ވަދެވަޑައިގެން ސަމްއާން އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމުގަ އެވެ. އަދި ފަހުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް ހިންގުމަށް އުފެއްދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަމާއި ބޯޑުގައި އޮންނަ ކޮންޓެންޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އެވެ.
ސަމްއާނަކީ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އެއް ފައުންޑަރުގެ އިތުރުން އެ ޖަމިއްޔާގެ ނައިބް ރައީސްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެލެވެ. އަދި އޭނާއަކީ ނޫސްވެރިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ އެޑިޓާސް ގިލްޑުގެވެސް މެންބަރެކެވެ.
އޭނާއަށް ވަނީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.

ގުޅުންހުރި
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
70،000 ރުފިޔާ ރިޓާޔަމެންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމްއަށް ނުދޭން ނިންމައިފި
މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން
އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް
އަނބިމީހާ/ ފިރިމީހާއަށް ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި