އޮކްޓޯބަރ 7, 2024

އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓާ އޮޕަރޭޓްކުރި ވާހަކަ އިންޑިއާ ހައި ކޮމިޝަނުން ދޮގުކޮށްފި

އިންޑީއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރު، ދިވެހި ސިފައިންގެ ހުއްދަ ނުހޯދައި، އިންޑިއާ ސިފައިން އޮޕަރޭޓްކުރި ވާހަކަ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން، ވަނީ ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދައި، ދިވެހި ސަރުކާރަށް ނޭނގި ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްފައި ކަމަށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލައިފައިވަނީ އޭނާ މަޖިލިސް މެންބަރަކަށް ހުންނެވިއިރު ކަމަށެވެ.

އެ ވާހަކަ ދޮގުކޮށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހެލިކޮޕްޓަރު އަބަދުވެސް އޮޕަރޭޓް ކުރަމުން އައިސްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް، އެމްއެންޑީއެފްގެ ހުއްދަ ހޯދައިގެން ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފާހަގަކުރާ ދަތުރަރަކީ ވެސް އެމްއެންޑީއެފްގެ ހުއްދަ ލިބިގެން 2019 އޮކްޓޫބާ 09 ގައި ކުރި ދަތުރެއް ކަމަށެވެ. ނަމަވެސް އެ ދަތުރުގެ ތެރެއިން ކުއްލި ހާލަތެއް ދިމާވުމުގެ ސަބަބުން އެމަޖެންސީގައި ތިމަރަފުށި އެއާޕޯޓަށް ލޭންޑުކުރި ކަމަށެވެ. އެމެޖެންސީގައި ވެސް ލޭންޑް ކޮށްފައިވަނީ އެމްއެންޑީއެފް އަދި އޭޓީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އެމެޖެންސީ ލޭންޑިން އެއް ކުރަން ޖެހުނީ ހެލިކޮޕްޓަރުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.