ނޮވެމްބަރ 22, 2024

ގަޑުބަޑު ކޮށްފައިވާ ކާތަކެތި ވިއްކާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގު ކުރައްވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ބިލެކެވެ.

އެ ބިލުގައިވާ ގޮތުން އަމިއްލަ ނަމުގައި މީހަކު ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، ހަތަރު ވައްތަރެއްގެ ތަކެތި ރާއްޖެއަށް އެތެރެކޮށް، ބަންދުކޮށް، ލޭބަލްކޮށް، ރައްކާކޮށް، ގުދަންކުރުމާއި ގަނެވިއްކައި ނުވަތަ ފޯރުކޮށްދިނުމަކީ ގާނޫނީ ކުށެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި
  • އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި
  • ރާއްޖެއަށް ގެނައުމުން މަނާކޮށްފައިވާ ކާބޯތަކެތި
  • ސިއްހަތަށް ގެއްލުންދޭ ކާބޯތަކެތި

އެ ހަތަރު ކުށުން ކުށެއް ކޮށްފި މީހެއް ކުރި ކުށުގެ ބޮޑުމިނަށް ބަލައި 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. ނަމަވެސް ކުށުގެ އެ އަމަލުގެ ސަބަބުން މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެ ނަމަ، ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ގާނޫނާ ހިލާފަށް ކާބޯތަކެތި އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާ ގުޅޭ ތިން ކުށެއް ވަނީ ހިމަނައިފަ އެވެ. އެއީ:

  • ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފަށް ކާބޯތަކެތި އިމްޕޯޓް/އެކްސްޕޯޓް ކުރުން
  • އޮޅުވާލައިގެން ކާބޯތަކެތި އިމްޕޯޓް/އެކްސްޕޯޓް ކުރުން
  • ކާބޯތަކެތި އިމްޕޯޓް ކުރާ/އެކްސްޕޯޓް ކުރާ ފަރާތްތަކުން ފޯޖުކޮށްފައިވާ ނުވަތަ ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުން

ބިލުގައިވާ ގޮތުން އެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީވެސް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖުރިމަނާ ކުރުމެވެ.

ރައީސް މުއިއްޒު އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިހާރު އެ ބިލު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ނަމަވެސް ބިލުގައިވާ ގޮތުން އެ ބިލަށް އަމަލުކުރަން ފަށަން ޖެހޭނީ ގެޒެޓު ކުރާތާ ތިންމަސް ފަހުންނެވެ.

އެ ބިލަށް އަމަލުކުރަން ފެށުމުން 1978 ވަނަ އަހަރު ފެށިގެން އަމަލުކުރަމުންދާ ހޮޓާހޮޓަލާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ގުޅޭ ގާނޫނު އުވިގެންދާނެ އެވެ.