ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބު ކުރައްވައިފި އެވެ.
ވިހިވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަބްދުއްރަހީމްއާ ހަވާލުކުރަން ފާސްކުރީ މިއަދު އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ވޯޓު ލެއްވި 92 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ.
އަބްދުއްރަހީމާ ވާދަކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް ހަތް ވޯޓު އޮތެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމުގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެ މަނިކުފާނުގެ އެންމެ އަރިސް ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމެވެ. އޭނާއަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ.
އަބްދުއްރަހީމް ސިޔާސީ ހަޔާތް ފެއްޓެވީ، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެ މަނިކުފާނު، 2005 ވަނަ އަހަރު އުފެއްދެވި ޑީއާރުޕީ އިންނެވެ. އެއަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދެވުމުން އެ ޕާޓީއަށް ގުޅިވަޑައިގެންނެވެ. ފަހުން ޑީއާރުޕީ ދެބައިވެ އުފެއްދެވި ޕީޕީއެމް އަށް 2011 ވަނަ އަހަރު ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރެއްވި އެވެ.
އެއަށްފަހު ޔާމީންގެ އެންގެވުމަށް ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ވެސް އަބްދުއްރަހީމެވެ. އަދި ޔާމީން ޖަލަށް ލުމުން ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމް/ ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމުގައި، އެ ކޯލިޝަންގެ އެކްޓިން ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އަބްދުއްރަހީމެވެ. އޭނާއަކީ މިއަދު ޕީއެންސީގެ ޗެއާޕާސަން އެވެ.
އަބްދުއްރަހީމަކީ 17 ވަނަ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ ތަމުސީލު ކުރެއްވި މެންބަރެވެ. 17 ވަނަ މަޖިލީހަށް އޭނާ އިންތިހާބުވީ ޕީއޭގެ ޓިކެޓުގަ އެވެ. އަދި 18 ވަނަ މަޖިލީހަށް އަބްދުއްރަހީމް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. އަބްދުއްރަހީމް ވަނީ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެފަހަރު އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ.


					

ގުޅުންހުރި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8