މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަން މިއަދު އުވާލައިފި އެވެ.
މި ކޮމިޝަން އުވާލުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮމިޝަން އުވާލެއްވީ ހަވާލުކުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަރު ކޮމިޝަން އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެވެ.
ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރުވެސް އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް ނިމިފައި ނުވާތީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މިދިޔަ މެއި މަހު ދަންމަވައިލައްވައިފަ އެވެ.
އެ ކޮމިޝަނުން މިހާތަނަށް ވަނީ ދެ މަރެއްގެ މައްސަލަ ބެލުމަށްފަހު ރިޕޯޓު އާންމުކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަ އެވެ.









