އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަަރަށް ހާއްސަކޮށްފައިވާ ވޭނެއް ވީއައިއޭގައި ޕާކުކޮށްފައިއޮއްވާ ވަގަށް ނަގާފައި ވަނީ ވެހިކަލްތައް ވަގަށް ނަގައިގެން ވިއްކަމުން ދިޔަ ބޮޑު ނެޓްވޯކަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެމްއޭސީއެލްގެ ވޭނެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެ މީހަކު ކަމަށެވެ. އެއީއަހުމަދު ނިޒާމް، 43، މ. މޮޑަން ކޮމެޓް، އަދި މުހައްމަދު ހައިޝަމް، 42، މ. ސީނިއަސުރުމާ އެވެ. މުހައްމަދ ހައިޝަމްއަކީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށް ދާވޫދު ވިދާޅުވި އެވެ.
އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރި ކުރުމުން އެއީ ގިނަ ވެހިކަލް މީގެ ކުރިން ވެސް ވަގަށް ނަގައި ވިއްކައިފައިވާ ބައެއްކަން އެނގުނު ކަމަށް ދާވޫދު ވިދާޅުވި އެވެ. އެއީ ވަރަށް ފުޅާ އަޑި ނޭނގޭ ނެޓްވޯކަކުން ހިންގަމުން ދިޔަ ވިޔަފާރިއެއް ކަމަށް ދާވޫދު ވިދާޅުވި އެވެ.
ދާވޫދު ވިދާޅުވީ އެމްއޭސީއެލް އެމްޑީގެ ވޭން އެއާޕޯޓުގެ ޕާކިންގައި އޮއްވައި ވަގަށް ނަގައިގެން ދުއްވާފައި ހުޅުމާލެ ގެންގޮސްފައި ވަނީ ހައިޝަމް އެވެ. އަދި އެއަށް ފަހު ކާރުގެ ނަމްބަރު ޕްލޭޓް ބަދަލުކޮށް ހަމަ އެރޭ ދަންވަރު ކާރު ހުޅުމާލެއިން ދުއްވާފައި މާލެއަށް ގެނެސް ވައްދައިފައިވަނީ ނިޒާމް ހިންގާ ގަރާޖަކަށް ކަމަށް ވިދާޅުވި އެވެ.
”ނާޒިމްގެ ހާޒިރުގައި ގަރާޖު ބަލައި ފާސްކުރިއިރު އެތަނުގެ ތެރެއިން އެ ވޭނާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް އެ ޖަރާޖުގެ ތެރެއިން ފެނުނު،“ ދާވޫދު ވިދާޅުވި އެވެ.
ނިޒާމްގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި 42 ވެހިކަލް އޮތީ ނިޒާމްގެ އަންހެނުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް ވެހިކަލްތައް ރަޖިސްޓްރީ ކުރީ މިދިޔަ އަހަރު؛ ނަމަވެސް ރަޖިސްޓްރީކޮށްދީފައި ވަނީ މި އަހަރާއި 2025 ވަނަ އަހަރުގެ ތާރީހުތައް ޖަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
”މިގޮތަށް ވަގަށް ގެންދާ ބޮޑެތި ވެހިކަލްތައް އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށް އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި އެ މީހުން ދިޔައީ މިފަދަ ވެހިކަލް ވިއްކަމުން،“ ދާވޫދު ވިދާޅުވި އެވެ.
”ދެން އެއަށް ފަހު އެ މީހުން މި ހައްދަނީ ވަގު ރަޖިސްޓްރީއެއް. އެއަށް ފަހު ދެން ވިއްކާލަނީ.“
އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއްގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އަދި އެ ތަހުގީގަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!