ޖުލައި 2, 2024

ވޯލްޑް ކަޕުން ލިބުނު ބޮޑު ލަދަށްފަހު ޖަރުމަނުން ޔޫރޯ ފެށީ ބޮޑު މޮޅަކުން

ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ހޯސްޓް ޖަރުމަނުން، ސްކޮޓްލޭންޑް ކައިރިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ޖަރުމަނުން މޮޅުވީ 5-1 ގެ ނަތީޖާ އަކުންނެވެ. އެއީ ޖަރުމަން ފުޓްބޯޅަ ތާރީހުގައިވެސް އެ ގައުމުން ޔޫރޯ މުބާރާތެއްގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. އެއީ ޔޫރޯގެ ތާރީހުގައިވެސް މުބާރާތް ފެށި މެޗަކުން ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ.

މީގެ ކުރިން ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ޖަރުމަން ރޭގެ މެޗަށް ނުކުތީ އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުމުން ކުރިމަތިވި ލަދާއި ހިތްދަތިކަން ފިލުވާލުމަށެވެ. އެ ޕްރެޝަރާއެކު އެ ޓީމު އޮތީ އެ ބައްޔަށް ސަޕޯޓަރުންނަށް ޖަވާބުދާރީވެސް ވާންޖެހިފަ އެވެ.

ރޭގެ މެޗުގައި ޖަރުމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖަހައި ޖަރުމަނުގެ ގޯލު ހުޅުވާލަ ދިނީ އުމުރުން 21 އަހަރުގެ ފްލޯރިއަން ވާޓްޒް އެވެ. އެ ގޯލާ އެކު އޭނާ ވެފައިވަނީ ޔޫރޯ މުބާރާތެއްގައި ޖަރުމަނަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ގޯލު ޖެހިތާ 9 މިނެޓު ފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ޖަރުމަނުން ދެވަނަ ގޯލެއް ޖެހި އެވެ. އާސެނަލްއަށް ކުޅޭ ހަވާޓްޒް ދިން ބޯޅައަކުން އެ ގޯލު ކާމިޔާބު ކޮށްދިނީ ފޯވަޑް ޖަމާލް މުސިއާލާ އެވެ.

އެ ހިސާބުން ޖަރުމަނުން މުޅި މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްކޮޓްލެންޑަށް އިތުރު ދައްޗަކާއި ހިތްދަތިކަމެއް ލިބުނެވެ. އެއީ ޓީމުގެ ރަޔަން ޕޯޓިއެސް އަށް ރަތް ކާޑު ދެއްކުމުންނެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަނުގެ ގުންޑޮގަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ދެއްކި ކާޑެކެވެ. އެ ފައުލްއާ ގުޅިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީ ވައްދާލީ ހަވާޓްޒް އެވެ.

ތިން ގޯލުގެ ލީޑަކާއެކު ޖަރުމަނުން ދެވަނަ ހާފަށް ނުކުތީ ސްކޮޓްލޭންޑުގެ ކުޅުންތެރިއަކު މަދުވުމުން ލިބޭނެ ފަސޭހައާއެކު އިތުބާރާއެކު އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ބަދަލަކަށް ނުކުތް ނިކްލަސް ފުލްކްރަގް ޖަރުމަނަށް ހަތަރު ވަނަ ގޯލު ޖަހައިދިނެވެ.

މެޗުގައި ސްކޮޓްލޭންޑަށް ލިބުނު ހަމައެކަނި ގޯލަކީ މެޗުގެ 87 ވަނަ މިނެޓުގައި ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނުން މެޗުގެ ފަސްވަނަ ގޯލެއް ޖެހި އެވެ. އެ ގޯލުވެސް ޖެހީ ބަދަލަކަށް ނުކުތް އެމްރޭ ޗާން އެވެ.