ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ވިދާޅުވެއްޖެ އެވެ.
މިނާ އިން ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ދިޔަކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ހައްޖު މިޝަނުން ބުނީ، ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.
ހައްޖު ދުވަހު އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެ ދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.
މިއަދުގެ މެންދުރު ނަމާދު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުމަށް ފަހު، މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށް ކުރާނެ އެވެ.
އެއަށް ފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭނީ، މާތް ﷲ އަށް ދުއާކޮށް އަސްތަޣްފާރު ކުރުމުގަ އެވެ. މިއަދުގެ އިރު އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް މުޒްދަލިފާ އަށް ދަތުރުކުރާނެ އެވެ. މުޒްދަލިފާ އަކީ އަރަފާތު ބިމާއި މިނާއާ ދެމެދު އޮންނަ ވާދީ އެކެވެ.
މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، ނުވަތަ މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ހުރިހާ ހައްޖުވެރިން ދަތުރުކުރާނީ މިނާ އަށެވެ. އީދު ދުވަހާއި އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު (ހައްޖު މަހުގެ 11، 12 ،13) މިނާގައި ތިބޭ ތިބުމުގައި ތިން ޖަމްރާ އަށް ހިލަ އުކުމާއި ހަދްޔު ކަތިލުން އޮންނާނެ އެވެ.
ހައްޖުގެ ދަތުރު އަވަހަށް ނިންމައިލާ ހައްޖުވެރިން، ހައްޖު މަހުގެ 12 ވަނަ ދުވަހު، މިނާ އިން އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު، މައްކާ އިން ނުކުންނާނެ އެވެ. އެ ނޫން ހައްޖުވެރިން މިނާ އިން އެނބުރި މައްކާ އަށް ދާނީ، 13 ވަނަ ދުވަހު ތިން ޖަމްރާ އަށް ހިލަ އުކުމަށް ފަހު އެވެ.
ރާއްޖެ އިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔައިރު، ކުރިއާ ހިލާފަށް ދިވެހި ހުރިހާ ހައްޖުވެރިންގެ ބެލެނިވެރި ފަރާތަކީ ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ