ޖުލައި 2, 2024

ފޯމުގައި އޮތް ސްޕެއިން ފެށީ ބޮޑު މޮޅަކުން، ކްރޮއޭޝިއާ އަށް ވާދައެއް ނުކޮށްލެވުނު

ޔޫއެފާ ޔޫރޯ 2024ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ސްޕެއިނުން ވަރުގަދަ ކްރޮއޭޝިއާ ބަލިކޮށްފި އެވެ.

ބާލިންގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މީގެ ކުރިން ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސްޕެއިންއަކީ މި ފަހަރުގެ މުބާރާތުގެ ފެވަރިޓެވެ. މިދިޔަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކުރުމުން ސްޕެއިންގެ ޒުވާން ޓީމު އޮތީވެސް ރަނގަޅު ޖޯޝަކާއި ފޯމެއްގަ އެވެ. މިރޭގެ މެޗުގައި ފެނުނު ބުންވަރުން އެކަން ޔަގީންވެ އެވެ.

މެޗުގެ ފުރަތަމަ 15 ވަރަކަށް މިނެޓް ކްރޮއޭޝިއާ އިން ކުޅެން މަސައްކަތް ކުރީ ކުރު ޕާސްތަކެއް ޖަހައިގެން، ތަންކޮޅެއް ފަހަތަށް ފައިބައިގެން ތިބެ ޑިސިޕްލިން ގޭމެއް ކުޅުމަށެވެ. އެހެންވެ ސްޕެއިން އަށް ހަމަލާއެއް އުފައްދަން ފުރަތަމަ އުދަނގޫވެސްވި އެވެ.

ނަމަވެސް ކައުންޓާ އެޓޭކެއްގައި ކްރޮއޭޝިއާގެ ޑިފެންސް ފޫ އަޅުވާލައި މެޗުގެ 29 ވަނަ މިނެޓުގައި ސްޕެއިން އިން މެޗުގެ ލީޑު ނެގި އެވެ. ފަބިއަން ރުއިޒް ދިން ޕާހަކުން ސްޕެއިންގެ ގޯލު ހުޅުވާލަދިނީ ތަޖުރިބާކާރު ސްޓައިކަރު އަދި ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ.

އެ ގޯލާއެކު މޮރާޓާ ޔޫރޯގައި ޖެހި ގޯލުގެ އަދަދު ހަތަކަށް އަރާފައިވާއިރު، އޭނާ މިހާރު ހިމެނެނީ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގަ އެވެ. މޮރާޓާ އާއެކު ތިންވަނައިގައި ދެން ހިމެނެނީ އިންގްލެންޑްގެ އެލަން ޝިއަރާ އާއި ފްރާންސްގެ އެންޓޮއިން ގްރީޒްމާން އެވެ.

މޮރާޓާގެ ގޯލަށްފަހު ކްރޮއޭޝިއާއަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވެނީސް މެޗުގެ 32 ވަނަ މިނެޓުގައި ސްޕެއިން އިން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރި އެވެ. ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ގޯލު ޖެހީ ރުއިޒް އެވެ.

އޭގެފަހުން ކްރޮއޭޝިއާގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނުނެވެ. އޭގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖޮސްކޯ ގުވާޑިއޯލް ފޮނުވާލި ހަމަލާ މަތަކުރީ އުނައި ސިމޮން އެވެ.

ސްޕެއިން އިން ފުރަތަމަ ހާފު ނިންމާލީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. ލަމީން ނަގައިދިން ހިތްގައިމު ބޯޅަ އަކުން އެ ގޯލު ކާމިޔާބު ކުރީ ޑިފެންޑަރު ޑެނީ ކާވަހާލް އެވެ. އެއީ ސްޕެއިނަށް ކާވަހާލް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެ ކްރޮއޭޝިއާ އިން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޖޮސިޕް ސްޓަސިނިޗް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު މާކް ކުކުރެޔާ ބްލޮކް ކުރި އިރު، ރީބައުންސް ބޯޅައިން އަންޓޭ ބުޑިމިއާ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީ ސްޕެއިން ކީޕަރު ސިމޮން އެވެ.

އޭގެ ފަހުން 78 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެއީ ބްރޫނޯ ޕެޓްކޮވިޗްއަށް ރޮޑްރީ ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ. ޕެޓްކޮވިޗް އެ ޕެނަލްޓީ ފޮނުވާލި އިރު، ކީޕަރު ސިމޮން އެ ބޯޅަ މަތަކުރި އެވެ. އަދި ރީބައުންސް ބޯޅައިން ޕެރިސިޗް ދިން ބޯޅަ، ޕެޓްކޮވިޗް ގޯލުގެ ތެރެއަށް ފޮނުވާލި އެވެ.

ނަމަވެސް އެ ގޯލުގެ ސައްހަ ކަމާ މެދު ސްޕޭންގެ ކުޅުންތެރިން ސުވާލު އުފެއްދުމުން ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު ރެފްރީ ނިންމީ ޕެރިސިޗް މާކުރިން އޭރިއާ ތެރެއަށް ވަދެފައިވާތީ އެއީ ސައްހަ ގޯލެއް ނޫން ކަމަށެވެ.