ނޮވެމްބަރ 21, 2024

ޕޮލެންޑް ކައިރިން ނެދަލޭންޑްސް ސަލާމަތް ކޮށްދިނީ ބެންޗުން އެރި ވެގްހޯސްޓް

ޔޫއެފާ ޔޫރޯ 2024ގައި ނެދަލަންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑް ބަލިކޮށްފި އެވެ.

ޖަރުމަނުގެ ހޭމްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ނެދަލަންޑްސް މޮޅުވީ ފަހަތުން އަރައި 1-2ގެ ނަތީޖާ އަކުންނެވެ.

މި ފަހަރުގެ ޔޫރޯއަށް ނަދަލެންޑްސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާ މައްސަލަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ޔޫރޯ ސްކޮޑުގައި ޖެހި ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯންގާއި އެޓަލާންޓާގެ މިޑްފީލްޑަރު ޓެއުން ކޫޕްމެއިނާސް ޖެހުނީ ބާކީކުރާށެވެ.

ޕޮލެންޑުންވެސް މިރޭގެ މެޗަށް ނުކުތް އިރު އޮތް އެންމެ ބޮޑު މާޔޫސްކަމަކީ ޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެފައި ހުރުމެވެ.

މިރޭގެ މެޗު ފަށައިގެން ނެދަލަންޑްސް އިން ވަނީ ފުލުފުލުގައި ޕޯލަންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ނެދަލަންޑްސްގެ ކޯޑީ ގަކްޕޯ ފޮނުވާލި ބާރު ހަމަލާ ޕޮލެންޑްގެ ކީޕަރު ޝެޒްނީ މަތަކުރި އިރު، އޭގެ ފަސް މިނެޓު ފަހުން ނެދަލަންޑްސްގެ ޖޭޑީ ޝައުޓަން އޭރިއާ ތެރެއަށް ނަގާދިން ހުރަސް ޓިޖާނީ ރައިންޑަސް ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ޕޮލެންޑުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ގޯލު ޖެހީ އެޑަމް ބަކްސާ އެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ޕޯލަންޑްގެ އޭރިއާ ތެރެއިން ނެދަލަންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ބާރު ހަމަލާ ދިޔައީ ބޭރަށެވެ.

މެޗުގައި ނެދަލަންޑްސް އިން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ 29 ވަނަ މިނެޓުގަ އެވެ. އެއީ އޭރިއާ ބޭރުން ގަކްޕޯ ފޮނުވާލި ބާރު ހަމަލާ ޕޯލަންޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ވަން ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސް ހަމަލާތައް އުފައްދަން މަސައްކަތް ކުރި އެވެ.

މެޗުން މޮޅުވި ގޯލު ނެދަލަންޑްސް އަށް ޖަހައި ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވޯޓް ވާގްހޯސްޓް އެވެ. މެޗުގެ 83 ވަނަ މިނެޓުގައި އޭނާ އެ ގޯލު ޖެހީ މެޗަށް އެރިތާ ދެ މިނެޓު ތެރޭގަ އެވެ.