ޖުލައި 2, 2024

މުސްލިމުންގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރުމުގެ ފިކުރު ދަނީ ފެތުރެމުން: ހުތުބާ

މުސްލިމުންގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ނުރައްކާތެރި ފިކުރު ފެތުރެމުންދާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ.“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށާއި އެއީ އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ އަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. އަދި ހޭދަކުރުމުގައްޔާއި އަޅުކަން ކުރުމުގައިވެސް އެ ދީނުގައި އޮތީ މެދުމިން ކަމަށާއި ދަތި، އުނދަގޫ އެއްވެސް ކަމެއް އިސްލާމް ދީނުގައި ލައްވައިފައި ނުވާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށްވާއިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައިވެސް ފެތުރެން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭއިރު މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރު ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުއީ ގުޅުންތައް ކެނޑޭނެ ކަމަށާއި ކައިވެނީގެ ގުޅުމާއި ވާރުތަވުން ފަދަ ހުރިހާ ގުޅުންތަކެއް ކެނޑޭނެ ކަމަށެވެ. އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމަށްވެސް ބުންޏެވެ.

ﷲ تَعَالَى ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ހާލު މަރުވާ މީހުންނީ، ދުނިޔެއާއި އާހިރަތުގައި އެއުރެންގެ އަމަލުތައް އުވި ގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމި ތިބޭނީ، އެތާނގައެވެ.“

ހުތުބާގައި ބުނީ، މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރު ކަމަށާއި ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ހައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެ ކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަށެވެ.

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއާ ހިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ހުކުމްތައް ބަޔާންކޮށްދިނުމާއި ބަރާބަރަށް ނަމާދުކުރުމަށާއި ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި ރިބާ ނުކެއުމާއި މަސްތުވާތަކެތި ބޭނުން ނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައި ދިއުމެއް ނޫން ކަމަށެވެ. އަދި ފޭރާން އެޅުމުގައި ޝަރުއީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި ދީނީ އިލްމުވެރީންނަށް ފުރައްސާރަ ކުރުމާއި ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމަށާއި ދީނުގައި ޝަރުއު ކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުންނެވެ. މިއަދަކީ، އިންޓަނެޓުގެ ޒަމާނެވެ. އިންޓަނެޓުގައި ޢާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަސްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.