ޗެމްޕިއަން އިޓަލީ ކަޓުވާލައި، ސްވިޒަލޭންޑުން ޔޫރޯ 2024ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްވިޒަލޭންޑުން އިޓަލީ ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މިއީ ސްވިޒަލެންޑުން ޖެހިޖެހިގެން ދެ ޔޫރޯގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ޔޫރޯ 2020ގައި ސްވިޒަލެންޑުން ކުއާޓާ ފައިނަލުން ޖާގައެއް ހޯދީ ގަދަ 16 ގައި ފްރާންސް ކަޓުވާލައިފަ އެވެ. އެ ފަހަރު ސްވިޒަލެންޑަށް ސެމީ ފައިނަލަށް ދިއުމަށް ހުރަސް އެޅީ ސްޕެއިން އެވެ.
މިރޭގެ މެޗު ކުޅުނީ އިޓަލީއަށް ހާއްސަ ދަނޑެއްގަ އެވެ. އެގޮތުން އެ މެޗު ކުޅުނީ އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލި ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. އެ ފަހަރު އިޓަލީން ތަށި ނެގީ ފްރާންސް ޕެނަލްޓީގައި ބަލިކޮށްފަ އެވެ.
ނަމަވެސް އިޓަލީން މެޗަށް ނުކުތީ މާޔޫސްކަމެއްގަ އެވެ. އެއީ އިޓަލީއަށް ތިން މެޗުގައި ވެސް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ރިކާޑޯ ކަލަފިއޯރީ އާއި ފެޑެރީކޯ ޑި މާކޯ ނުލާ ކުޅެން ޖެހުމެވެ. ޑި މާކޯ ހުރީ އަނިޔާގަ އެވެ. ކަލަފިއޯރީ ހުރީ ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަނުގަ އެވެ.
މިރޭގެ މެޗުގައި ޗެމްޕިއަން އިޓަލީގެ ފަރާތުން ފެނުނީ ފޫހި ކުޅުމެކެވެ. އެގޮތުން މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްވިޒަލެންޑުންނެވެ.
ފުރަތަމަ ހާފުގައިވެސް އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަށް ގިނަ ހަމަލާތަކެއް ހުއްޓުވަން ޖެހުނެވެ. ސްވިޒަލެންޑުން ގޯލަކަށް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނެޓުގަ އެވެ.
ރުބެން ވާގާސް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރެމޯ ފްރޮއިލާ ޖެހި ބޯޅަ ގޯލަށް ވަނީ އިޓަލީގެ ކުޅުންތެރިއަކާއި ކީޕަރު ގައިގައިވެސް ޖެހިފަ އެވެ.
އެ ގޯލާއެކު ސްވިޒަލެންޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު، އެ ޓީމުން ދެވަނަ ހާފު ފެށީވެސް ގޯލަކުންނެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 27 ވަނަ ސިކުންތުގައި އެ ގޯލު ކާމިޔާބު ކޮށްދިނީ ވާގާސް އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލީ އިޓަލީ ގޯލުގެ މަތީ ކަނަކަށެވެ.
ދެވަނަ ގޯލާއެކު އިޓަލީން ބަދަލުތަކެއް ގެނެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން އިޓަލީން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްވިޒަންޑްގެ ފަބިއަން ޝާގެ ބޮލުން ޖަހައި ބޭރަށް ފޮނުވާލަން އުޅުނު ބޯޅަ ބައިކޮޅަށް ނުވަނީ ހަމަ ކިރިޔާ އެވެ. އެ ބޯޅަ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގަ އެވެ. އެ ފަހުން ބަދަލަކަށް އެރި މަޓެއޯ ރެޓެގީ ޖެހި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު، ސޮމާ މަތަކުރި އެވެ.
އިޓަލީން ނުރައްކާ ކުރަން ފެށުމުން ސްވިޒަލެންޑުން ވަނީ ފަހަތަށް ޖެހި ނަތީޖާގައި ހިފައްޓައި މޮޅުވި އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި