ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓުތައް ހަދައި، އެ ތަންތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ބަހަން ހާއްސަ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ހަދައި، އޭގެ ފައިދާ ދިވެހިންނަށް ބަހާނެކަން އިއުލާން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)ގެ ނަމުގައި އުފެއްދި އެ ކުންފުންޏަކީ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ދާއިރާއިން ލިބޭ އިގުތިސާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަން އޮތް ޖީލުތަކަށް އޭގެން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީވެސް އެ ކުންފުނި އުފެއްދެވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެ ކުންފުނިން ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތަކާއި ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް ހިންގުމާއި ދިވެހިންނަށް ވަޒީފާ އަދި ފަންނީ ތަމްރީނުތައް ފަހިކޮށްދޭނެ ކަމަށެވެ.
އޭގެ އިތުރުން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަން ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ޓޫރިޒަމް ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަކީ ވެސް އެއް ބޭނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.


