މުޅި ރަސްމާލެ ހިއްކަން ހަރަދުކުރީ 330 މިލިއަން ޑޮލަރު, އެއީ އަކަފޫޓަކަށް 3 ޑޮލަރު!

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއުއަށް ދައުލަތުން މިހާރު ހަރުދުވާނީ 330 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ ތަރައްގީކުރުމަށް ޖުމުލަ 1009 ހެކްޓަރުގެ ބިން ދަނީ ހިއްކަމުންނެވެ.

ރައީސްގެ އޮފީހާއި ދައުލަތުގެ މީޑިއާ, ޕީއެސްއެމް ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމްގައި މުއްތަލިބް ވިދާޅުވީ, ރަސްމާލެ މަޝްރޫއު ފެށިއިރު, އެ މަސައްކަތަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ވިދާޅުވީ, ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކުގެ އަގުތަކަށާއި މާކެޓް ރޭޓަށް ބިނާކުރައްވައިގެން ކަމަށެވެ.

”ނަމަވެސް، ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތްކުރިއިރުގައި ވީހާވެސް ހަރަދު ކުޑަކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ މި އަހަރު ނިމެންވާއިރަށް އަދި ދެން މި އަހަރު ނިމެންވާއިރަށް އަދި ކޮންމެވެސް ވަރެއް ނުހިއްކި އޮތްކަމުގައި ވީ ނަމަވެސް، ޓާގެޓަކީ މި އަހަރު ނިމެންވާއިރަށް ނިންމުން. އެހާތަނަށް ދާއިރުގައި ގާތްގަނޑަކަށް ހަރަދުވާނީ 330 މިލިއަނެއްހާ ޑޮލަރު. މާނައަކީ މުޅި ރަސްމާލޭގެ 1009 ހެކްޓަރު ހިއްކުމަށްޓަކައި ދައުލަތުން ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 300 މިލިއަން ޑޮލަރު,“ މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެ 330 މިލިއަން ޑޮލަރުގެ ބޮޑުބައެއް ހަރަދުކުރެވިފައިވަނީވެސް ދިވެހި ރުފިޔާއިން ކަމަށެވެ. އެއީ ޑޮލަރުގެ ދަތިކަމަށް އިތުރު އަސަރެއް ނުކުރާނެ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.