ނޮވެމްބަރ 22, 2024

އެމްއޭސީއެލުން ހަރަދު ކުޑަކުރުން: މަޖުބޫރު ވެގެން ނޫނީ ބިޒްނަސް ކުލާހުގައި ދެން ދަތުރު ނުކުރާނެ

ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ ހަރަދު ކުޑަކުުރުމުގެ ފިޔަވަޅުތަކާއި އެއްގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލް އިން ވަނީ ޖުމުލަ 10 ދާއިރާއަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެ ދާއިރާތަކަކީ:

  • ޖެންސެޓްތައް އާކޮށް އެފިޝެންސީ އިތުރުކޮށް ތެޔޮ ބޭނުންކުރާ މިންވަރު 20 ޕަސެންޓް ދަށްކުރުން
  • ކޮންސިއުމަބަލްސް ގަންނަން ކުރާ ހަރަދު ކުޑަކޮށް އަހަރެއް ތެރޭ ކުންފުންޏަކީ ޕޭޕާ-ލެސް ކުންފުންޏަކަށް ހެދުން
  • ފެނަށް ކުރާ ހަރަދު ކުޑަކުރުން
  • ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަކުރުން: މުވައްޒަފުންގެ ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ޓްރެއިނަރުން ރާއްޖެއަށް ގެނައުން ނުވަތަ އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން. ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ބިޒްނަސް ކުލާހުގައި ދަތުރު ނުކުރުން.
  • ކުންފުނި ރީސްޓްރަކްޗާ ކުރުން
  • ބޭންކް ޗާޖަށް ކުރާ ހަރަދު ކުޑަކުރުން
  • ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކޮމިއުނިކޭޝަނަށް ކުރެވޭ ހަރަދު 60 ޕަސެންޓް ކުޑަކުރުން
  • ކޮންމެހެން މުހިންމު ނޫން އިންވެންޓްރީތައް ގަތުން ވަގުތުން ހުއްޓާލުން
  • ހަފުލާތަކަށް ކުރާ ހަރަދު 100،000 ރުފިޔާއަށްވުރެ ކުޑަކުރުން

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވި ލިބޭ ފައިދާވެސް އިތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

”ރީސްޓްރަކްޗާ ކުރުމަކީ މުވައްޒަފުންތަކެއް ކަނޑާލުމެއް ނޫން. މުވައްޒަފުންނާއި ނުލައެއް މި ކުންފުނި ނޯންނާނެ. އެހެންވީމާ މުވައްޒަފުންގެ މުސާރައެއް ނުކަނޑާނެ. ކުޑައެއް ނުކުރާނެ. އެއްވެސް އިނާޔަތަކަށް ނޭދެވޭ ބަދަލެއް ނާންނާނެ،“ ޝަރީފު ވިދާޅުވި އެވެ.